ކުޅިވަރު

ލީގުގެ އުއްމީދު ގެއްލުވާލައިގެން، މާޒިޔާ މާޅޮހާ ދެކޮޅަށް


އުރީދޫ ދިވެހިޕްރިމިއަލީގު ކާމިޔާބު ކުރުމުގެ ފުރުސަތު މިހާރު ގެއްލިފަވާކަމަށް އެޓީމުގެ ވަގުތީ ކޯޗު އަހުމަދު ސުޒެއިރު ބުނެފިއެވެ.

ވިހި ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގެ އޮތް ޓީމުގެ ވަގުތީ ކޯޗު މިހެންބުނީ ލީގުގައި މިއަދު ހަވީރު މާޅޮހާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުންނެވެ. ސުޒެއިރު ބުނީ ލީގުގެ އެންމެ ފަހުގެ ޗެންޕިއަން މާޒިޔާގެ މިހާރުގެ އަމާޒަކީ ލީގުގެ ބާކީ އޮތް ހަތަރު މެޗުން މޮޅުވުންކަމަށެވެ. އެއްބަސްވުން އާނުކޮށް ކުލަބުން ދޫކޮއްލި ކޯޗު ސެކުލޮސްކީގެ ބަދަލުގައި ޓީމުގެ ކޯޗުކަމާ ހަވާލުވެ ހުރި އެސިސްޓެންޓް ކޯޗު ސުޒެއިރު ބުނީ ޓީމުގެ ކަންތައްތަކާ އިސްކޮށް ހަވާލުވާން ލިބުނު ވަގުތަށް ބަލާއިރު، ތައްޔާރީތައް ރަނގަޅުކަމަށާއި، ލީގު ހޯދުމުގެ ވިސުނުމެއް މިހާރު ނުގެންގުޅޭކަމަށެވެ.

"  މިހާރު މިއޮތީ ލީގު ހަމަ އެއްކޮށް ގެއްލިފަ. ލީގާމެދު މާބޮޑަކަށް ނުވިސްނަން. މިހާރު ވިސްނުންހުރީ ބާކީ މިއޮތް ހަތަރު މެޗުން މޮޅުވާން އެގޮތައް މަސައްކަތް ކުރާނީ " އިންމަގެ އެހީތެރިއަކަށް މާޒިޔާގައި މަސައްކަތްފެށި ސުޒެއިރު ބުންޏެވެ.

ލީގުގައި މާޒިޔާއަށް މިހާތަނަށް ލިބިފަވަނީ ކުޅުނު ދިހަ މެޗުން 20 ޕޮއިންޓެވެ.