ކުޅިވަރު

މާޒިޔާގެ ކޯޗުކަމުން ސެކްލޮސްކީ ވަކިވެއްޖެ


އަމިއްލަ ސަބަބުތަކާހެދިކަމަށް ބުނެ މާޒިޔާ ކޯޗުކަމުން ސެކުލޮސްކީ ވަކިވެއްޖެއެވެ. 

މާޒިޔާއާ ހަވާލުވި ފުރަތަމަ ބިދޭސީ ކޯޗު ވަކިވިކަން މާޒިޔާގެ ޖެނެރަލް ސެކެއްޓްރީ އަބްދުލްވައްހާބު ވަނީ ޕީއެސްއެމް ސްޕޯޓްސްއަށް ޔަޤީންކޮށްދީފައެވެ. ވައްހާބު ބުނީ މާޒިޔާއިން މިއަހަރު ކޯޗާއެކު އެއްބަސްވުން ހެދީ ދިހަ މަސްދުވަހަށް ކަމަށާއި، އެމުއްދަތު މިމަހުގެ އެއްތިރީހުގެ ނިޔަލަށް ހަމަވާނެކަމަށެވެ. ކޯޗުގެ އަމިއްލަ ކަންތައްތަކެއް ހުރުމުން ކޯޗު އަމިއްލައަށް އެއްބަސްވުން އުވާލަންބޭނުންވެގެން ކުލަބާއެކު އެއްބަސްވުމަކަށް އައީކަމަށް މާޒިޔާއިން ބުނެއެވެ. 

ވައްހާބު ބުނީ އާ ކޯޗެއް ޓީމާ ހަވާލުވަންދެން ކޯޗެއްގެ ޒިންމާ މިވަގުތު އެސިސްޓެންޓް ކޯޗު ސުޒެއިރުއާ ހަވާލުކޮށްފައިވާކަމަށެވެ. މިހާރު ކުލަބްގެ ބޯޑުން އާ ކޯޗަކަށް ބަލަމުން އަންނަކަމަށާއި، ވަރަށް އަވަހަށް ކުލަބަށް ކޯޗަކު ހަމަޖެހިގެންދާނެކަމަށް ވައްހާބު ބުންޏެވެ. 

މިވަގުތު ލީގު ތާވަލްގެ ތިންވަނައިގަ އޮތް މާޒިޔާއިން މިސީޒަން ފެށީ ސެކުލޮސްކީއާ އެކު ރަނގަޅު ފޯމެއްގައެވެ. އެގޮތުން ޗެރިޓީ ޝީލްޑާއި މާލޭލީގު މާޒިޔާ ކާމިޔާބުކުރިއެވެ. އަދި އޭއެފްސީކަޕްގައި ރަނގަޅު ކުޅުމެއް ދެއްކިއެވެ. ނަމަވެސް އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ފޯވާޑް އަސަދﷲ އަބުދުﷲއަށް އަނިޔާވި ހިސާބުން އެޓީމްގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިވަގުތު އެޓީމް އޮތީވެސް ތާވަލްގެ ތިންވަނާގައެވެ. އެއްވަނާގައިވާ ނިއުރޭޑިއަންޓާ ދެމެދު ހަތް ޕޮއިންޓްގެ ފަރަޤެއްވެސް އެބައޮތެވެ. 

ސެކުލޮސްކީގެ ކޯޗުކަމުގައި މާޒިޔާވަނީ ކުޅުނު އެއް ތިރީސް މެޗުގެ ތެރެއިން ނަވާރަ މެޗުން މޮޅުވެފައެވެ. މައުލޫމާތު ލިބޭގޮތުން މިއަދު ޕްރެކްޓިސްގައިވެސް ކޯޗު ބައިވެރިވެފައެއްނުވެއެވެ. ލީގުގައި ދެން މާޒިޔާ ކުޅޭނީ މާޅޮހާ ދެކޮޅަށެވެ