ޓެކްނޮލޮޖީ

ފޯނު ބޭނުންކުރުމުގެ ހުއްދަ ދަރިންނަށް ދިނީ 14 އަހަރުވުމުން..!!


އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ބިލް ގޭޓްސް މަޝްހޫރުވެފައި ވަނީ ދުނިޔޭގެ އެންމެ މުއްސަނދި އެކަކުގެ ގޮތުގައެވެ. އަމިއްލަ މިލްކިއްޔާތުގެ އަގު 89 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާ، ބިލް ގޭޓްސްއަކީ ކޮމްޕިއުޓަރ ސޮފްޓްވެއަރ ތަރައްޤީކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، މައިކްރޯސޮފްޓްގެ ބާނީއެވެ.

ބިލް ގޭޓްސްއަކީ ކިތަންމެ މުއްސަނދި ބޭފުޅެއްނަމަވެސް، އަދި ޓެކްނޮލޮޖީގެ ދާއިރާގައި ކިތަންމެ ނުފޫޒުގަދަ ބޭފުޅެއްނަމަވެސް، ފޯނުފަދަ ތަކެތި ބޭނުންކުރުމަށް އޭނާގެ ދަރިންނަށް ވަނީ ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައެވެ. ދާދިފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި 3 ކުދިން ބައްޕަ ބުނީ، އޭނާގެ ދަރިންނަށް އަމިއްލަ ފޯނެއް ބޭނުންކުރުމުގެ ހުއްދަ ދިނީ ކޮންމެ ކުއްޖަކަށްވެސް 14 އަހަރުވުމުންކަމަށެވެ.

"ފޯނު ބޭނުންކުރިއަސް، ރޭގަނޑު ވަކި ވަގުތެއްގެ ފަހުން ފޯނު ބޭނުމެއް ނުކުރެވޭނެ. އެކަމުގެ ސަބަބުން އެކުދިން ނިދުމަށް އެއްވެސް މައްސަލަތަކެއް ކުރިމަތިނުވެ، ރޭނގަޑު ރަނގަޅަށް ނިދަން ފަސޭހަވި" އިނގިރޭސި ވިލާތުގެ މިރާ ނޫހަށް ދިން އިންޓަވިއުގައި ގޭޓްސް ބުންޏެވެ. 

img:http://s1.psmnews.mv/images/660x400/15021954567919.jpg|ބިލް ގޭޓްސް އޭނާގެ އަންހެނުންނާއި 3 ދަރިންނާއެކު  

ގޭޓްސް ބުނިގޮތުގައި ކެއުމަށް އިންސާފުކުރާ ވަގުތު، ކާ މޭޒުމަތީގައި ފޯނު ބޭނުންކުރުމަކީވެސް މަނާކަމެއްކަމަށެވެ. ގޭޓްސް ބުނި ގޮތުގައި ދަރިން ފޯނު ބޭނުންކުރުމުގައި އޭނާ ގެންގުޅުނު އުސޫލުތައް ބިނާކުރީ ފޯނުގެ ބޭނުން އެންމެ ރަނގަޅަށް ކުރެވޭނެ ގޮތަކަށްކަމަށެވެ. އަދި ކިޔެވުމުގެ މަސައްކަތާއި ރަށްޓެހިންނާއި ވާހަކަދެއްކުމަށް ފޯނަކީ މުހިއްމު އެއްޗެއްކަން ގޭޓްސް ފާހަގަކުރިއެވެ.

ބިލް ގޭޓްސްގެ 2 އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ހުންނައިރު، އެންމެ ދޮށްޓަށް ހުންނަނީ 20 އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާއާ ޖެހިގެން 17 އަހަރު ފިރިހެން ކުއްޖަކު ހުންނައިރު، އެންމެ ހަގަށް ހުންނަ އަންހެން ކުއްޖާގެ އުމުރަކީ 14 އަހަރެވެ.

ބިލް ގޭޓްސްގެ ދަރިންނަށް އަމިއްލަ ފޯނެއް ބޭނުންކުރުމުގެ ހުއްދަ 14 އަހަރުވުމުން ދިންއިރު، އެވްރެޖްގޮތެއްގައި މިހާރު އުޅޭ ކުދިން 10 އަހަރުގައި އަމިއްލަ ފޯނު ބޭނުންކުރާކަމަށް ރިޕޯޓްތަކުން ދައްކައެވެ.

img:http://s4.psmnews.mv/images/660x400/15021953450890.jpg|ކުދިންތަކެއް ފޯނު އަދި ޓެބްލެޓްތަކަކާ ކުޅެނީ / އަމިއްލަ ފޯނު ގެންގުޅެން ފަށާ އުމުރު އަންނަ ހަގުވަމުން

މިފަދަ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، އަމިއްލަ ފޯނު ބޭނުންކުރަން ފަށާ އުމުރު ކުރިއަށް އޮތްތާނގައި މިއަށްވުރެވެސް ހަގުވުން އެކަށީގެންވާކަމަށެވެ. ސަބަބެއްކަމަށް ތަޖުރިބާކާރުން ބުނަނީ މައިންބަފައިންގެ ފޯނު ދަރިން އަތަށް ދީގެން ވާ އުނދަގުލުގެ ސަބަބުންކަމަށެވެ.

އެހެންކަމުން އެހާ ޅައުމުރުގައި އެކުދިން އަތަށް އަމިއްލަ ފޯނެއް ދިނުމުގައި ސަމާލުވާންޖެހޭ ކަންތައްތަކެއް ހުންނައިރު، އެފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ތަޖުރިބާކާރުން ލަފާދެއެވެ.