ޚަބަރު

މާލޭ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، 3 މީހަކު ފިހިއްޖެ


މާލޭ މަސްވެރިންގެ ޕާކާ ދިމާލުން ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، 3 މީހަކު ފިހިއްޖެއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ވިދާޅުވީ އަލިފާނުގެ ރޯވި ލޯންޗުގައި ތިބި 3 މީހުން ފިހިފައިވާކަމަށާއި އޭގެ ތެރެއިން 2 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށެވެ. މެނދުރު 14:15 ހާއިރު ހިނގި މިހާދިސާގައި އަލިފާން ރޯވެފައިވަނީ މަކުނުދޫ އައިލެންޑް ރިސޯޓުގެ ލޯންޗެއްގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

img:http://s2.psmnews.mv/images/660x400/14989885765101.jpg|ލޯންޗުގައި ރޯވެފައިވާ އަލިފާން ނިއްވާލުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

އެމްއެންޑީއެފުގެ ފަޔަރމަނުން ވަނީ ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެސަރަޙައްދަށް ގޮސް ލޯންޗުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ. އަލިފާން ރޯވިއިރު ލޯންޗު އަޅާފައި އޮތީ ފޮރިން މިނިސްޓްރީއާ ދިމާލުންނެވެ. ލޯންޗުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނުއިރު، ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ. 

img:http://s3.psmnews.mv/images/660x400/14989887636687.jpg|ރޯވެފައިވާ ލޯންޗުކައިރީގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ރޯވި ލޯންޗު ދޫނިދޫއަށް ގެންދިއުމަށް ނިންމާފައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.