ޚަބަރު

ކޭބަލްޓީވީ އާއި އިންޓަރނެޓަށް ދައުލަތުގެ ކޮންޓްރޯލް އޮންނަންޖެހޭ!


ދިވެހިރާއްޖޭގެ އަޙްލާޤިއްޔަތު ދިފާޢުކޮށް، ފިކުރީ ހަނގުރާމައިގެ ނުރައްކަލުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ކޭބަލްޓީވީ މެދުވެރިކޮށް ރީބްރޯޑްކާސްޓްކުރާ ކޮންޓެންޓާއި، އިންޓަރނެޓްގެ މައްޗަށް ދައުލަތުގެ ފުރިހަމަ ކޮންޓްރޯލް އޮންނަންޖެހޭކަމަށް ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކޭބަލްޓީވީއާއި، އިންޓަރނެޓްގެ ޚިދުމަތަށް ބަލާލާއިރު، އެ ޚިދުމަތްތަކަކީ ދައުލަތުގެ އެކަށީގެންވާ ކޮންޓްރޯލެއް ނެތި ދޫކޮށްލެވިފައިވާ ޚިދުމަތްތަކެއްކަން ފާހަގަކޮށްލެވެއެވެ. ބްރޯޑްކާސްޓްކުރުމާއި، ރީބްރޯޑްކާސްޓްކުރާ ކޮންޓެންޓް ރެގިއުލޭޓްކުރުމަށް ޤަވާޢިދުތައް އެކުލަވާލެވިފައިވީނަމަވެސް، ޑްރާމާތަކާއި، އެކި ފިލްމްތަކުގައި، ލާދީނީ ޚިޔާލުތާކާއި ފިކުރުތަކަށް ބާރުލިބޭފަދަ ކޮންޓެންޓް ރީބްރޯޑްކާސްޓް ކުރެވޭކަން ފާހަގަކޮށްލެވެއެވެ. ދިވެހިރާއްޖޭގައި ދެވޭ އިންޓަރނެޓްގެ ޚިދުމަތަކީ ވަރަށް މިނިވަންކަމާއެކު، ހުރިހާ ސައިޓްތަކަށް ވަދެވޭގޮތަށް، އެއްވެސް ހިފެހެއްޓުމެއް ނެތި ދޫކޮށްލެވިފައިވާ ޚިދުމަތެކެވެ. މިއީ ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢަކަށް އެކަށީގެންވާ ކަންކަމެއް ނޫނެވެ. ލާދީނީ ފިކުރުތަކަށް ބާރުލިބޭފަދަ ތަކެތި ބްރޯޑްކާސްޓްކުރުމާއި، ބަރަހަނާ ވެބްސައިޓްތައްފަދަ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަމާއި އަޚްލާޤިއްޔާތަށް ނޭދެވޭ އަސަރުކުރާ މިފަދަ ކަންކަމަކީ އިސްލާމީ މުޖުތަމަޢެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. އަދި މިއީ މުސްލިމް އެހެން ޤައުމުތަކުގައިވެސް ވަކި ޙުދޫދެއްގެ ތެރޭގައި ހިފެހެއްޓިފައި ހުންނަ ކަންކަމެވެ.

ޕަބްލިކްސަރވިސް މީޑިއާއިން ޤާއިމުކުރި ނިއުސް އޭޖެންސީ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ދިވެހި ޤައުމު ދިފާޢުކުރަންވީ ބޭރުގެ ފަރާތްތަކުންދޭ އަސްކަރީ ޙަމަލާތަކުން އެކަނި ނޫންކަމަށާއި، ފިކުރީ ގޮތުން ދިވެހިރާއްޖެއަށް އަންނަ ޙަމަލާތަކާއި، ދިވެހިރާއްޔިތުންގެ އަޚްލާޤިއްޔާތައް އަންނަ ޙަމަލާތަކުން ޤައުމު ދިފާޢުކުރުން ހަމަ އެހާ ބޭނުންތެރިކަމަށެވެ. މިފަދަ ޙަމަލާތަކުން ޤައުމު ސަލާމަތް ކުރެވޭނީ ކޭބަލްޓީވީ ޚިދުމަތާއި، އިންޓަރނެޓްގެ ޚިދުމަތުގެ މައްޗަށް ދައުލަތުން ފުރިހަމައަށް ބާރު ފޯރުވޭގޮތަށް ޤާނޫނުތަކާއި ޤަވާޢިދުތައް އިޞްލާޙްކުރެވިގެންކަމަށް އިކްރާމް ވިދާޅުވިއެވެ. ބަރަހަނާ ވީޑިއޯތަކާއި ވެބްސައިޓްތައް ބެލުން ރާއްޖޭގައި ޢާންމުވެފައިވަނީ ކަންބޮޑުވާންޖެހޭ ދަރަޖައަށްކަމަށް ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންހާ ޗެނަލެއްވެސް ދޫކުރަނީ، ބޭނުންވާ ސައިޓެއްވެސް ދޫކުރަނީ، މިއީ ޤައުމެއްގެ ހައިބަތާ ކަރާމާތް ހިފެހެއްޓޭނެކަމެއްނޫން. ދައުލަތުގެ ހުރިހާ ފަރާތްތަކުން މިކަމަށް އިސްކަންދެއްވަންޖެހޭކަމަށް އަޅުގަނޑު ޤަބޫލުކުރަނީ." އިކްރާމް ވިދާޅުވިއެވެ.

ވަކި ފިކުރެއް ފެތުރުމަށް އަމާޒުކޮށްގެން މީޑިއާތަކުން މަސައްކަތް ކުރުމަކީ މަނާކަމެއްކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވީނަމަވެސް އެކަން ތަންފީޛްކުރެވެނީ ކިހާ މިންވަރަކަށް ކަމާމެދު އިކްރާމް ސުވާލު އުފެއްދެވިއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަކު އަނެކަކަށް އިންޒާރުދީ، ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމާއި އަޚްލާޤިއްޔާތަށް ބުރޫއަރާގޮތަށް ވާހަކަތައް ފަތުރަމުންދާއިރު، އެފަދަ ކަންކަން ތަޙްޤީޤް ކުރެވެންޖެހޭނެކަމަށާއި، ދިވެހިރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެދޭ މިންވަރަށް ވާހަކަތައް ފަތުރަމުންދާއިރުވެސް އެފަދަ އެކައުންޓްތައް ބްލޮކް ނުކުރެވެނީ ކީއްވެގެންތޯ ޕީ.އެސް.އެމްގެ ޑެޕިއުޓީ މެޖޭނިގް ޑިރެކްޓަރ ސުވާލު އުފެއްދެވިއެވެ.

"އަޅުގަނޑުމެންގެ ޤައުމު ފިކުރީ ހަނގުރާމައެއްގެ ނުރައްކަލުން ސަލާމަތްކުރުމަށްޓަކައި، މިދެންނެވި ކަންކަމާމެދު ފިޔަވަޅު އަޅަން އެބަޖެހޭ. ބޭރުގެ ބޭނުންހާ ފިކުރެއް އަޅުގަނޑުމެންގެ ތެރެއަކަށް ނުފެތުރޭނެ ދީނީ ގޮތުން، އާދެ! ރާއްޖޭގެ ކޭބަލް ޓީވީ ސަރވިސްގެ ތެރޭގައި ވެސް އެބަހުރި ބައެއް ޗެނަލްތައް، އެމީހުންގެ ދީނީ ޚިޔާލު، ބުދަށް އަޅުކަންކުރާ މަންޒަރާ، ބުދުގެ ވާހަކައާ އެމީހުންގެ ސީރީޒްތައް އާދޭ. މީ އަޅުގަނޑުމެންގެ ދީނާ ގުޅޭ ކަމެއް ތޯ؟ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގަ އަޅުގަނޑުމެންގެ ދަރިންނަށް ދައްކަންވީ އެއްޗެއްތޯ؟ މިކަންކަން މިހެން ކުރެވިގެން ނުވާނެ. އަޅުގަނޑުމެން ދައްކާ އެއްޗިއްސާ، ކޭބަލް ޓީވީގެ ޚިދުމަތާ އިންޓަރނެޓްގެ ޚިދުމަތާ، އެހެން ހުރިހާ މީޑިއާގެ ޚިދުމަތަކީ އެއީ އަޅުގަނޑުމެންގެ ފިކުރާ އެއްގޮތަށް އަންނަ ކަންކަން ކަމުގައި ވާންޖެހޭނެ. އެކަންކަމުގެ ތެރެއިން ބަޔަކު ފަތުރާ ފިކުރީ ހަނގުރާމައާ ބަދުއަޚްލާޤީ ހަނގުރާމައާ، ނުބައިކަންތަކުގެ ހަނގުރާމައިން އަޅުގަނޑުމެންގެ ދަރިންނާ ޖީލުތައް ސަލާމަތް ނުކުރެވިއެއް، އަޅުގަނޑުމެންނަކަށް ހިންދެމިލައިގެން އަޅުގަނޑުމެން މިޢުންމީދުކުރާ ތަރައްޤީއާ ތަހުޒީބުގެ މާދަމާއަކާ ހިސާބަކަސް ނުދެވޭނެ." އިކްރާމް ވިދާޅުވިއެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތަކާއި، މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ދިވެހިރައްޔިތުންގެ ރިވެތި އަޚްލާޤާއި ދީނީ އެބައިވަންތަކަން ދިރުވައި އާލާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ދައުލަތުގެ ހުރިހާ ފަރާތްތަކާއި، އަމިއްލަ ފަރާތްތަކުން ގުޅިވަޑައިގަންނަވަން ޖެހޭކަމަށް އިކްރާމް ވިދާޅުވިއެވެ.