ޓެކްނޮލޮޖީ

އިންސްޓަގްރާމްގައި ފޮޓޯ ޝެއަރ ކުރަން އައު ގޮތެއް..


ފޮޓޯއާއި ވީޑިއޯ ޝެއަރ ކުރުމުގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ އިންސްޓަގްރާމްގައި މިހާރު ފޮޓޯ ޝެއަރ ކުރުމަށް އައު ގޮތެއް ތަޢާރަފުކޮށްފިއެވެ.

މަޝްހޫރު ސޯޝަލް މީޑިއާ ވެބްސައިޓް ފޭސްބުކުން އިންސްޓަގްރާމް ގަތުމަށްފަހު އިންސްޓަގްރާމަށް ގިނަ ބަދަލުތަކެއް ގެނެސް ޢާއްމުންގެ މެދުގައި މަޤުބޫލުކަން އިތުރުކުރުމަށް ގިނަ ކަންތައްތަކެއް ކޮށްފައިވެއެވެ. މީގެތެރޭގައި އިންސްޓަގްރާމް ސްޓޯރީޒް ތަޢާރަފްކުރުންވެސް ހިމެނެއެވެ.

އިންސްޓްަގްރާމް ސްޓޯރީޒް ތަޢާރަފުކުރުމާއެކު، ސްނެޕްޗެޓް ކޮޕީ ކުރީ ކަމަށް ގިނަ ބަޔަކު ބުނިނަމަވެސް އިންސްޓަގްރާމުން ވަނީ ސްޓޯރީޒް ފީޗަރއަށް ގިނަ ކުރިއެރުންތަކެއް ގެނެސް، ޢާއްމުންގެ ހިތްދަމައިގަންނަފަދަ ޕްރޮޑަކްޓަކަށް ހަދާފައެވެ.

ހަސަތޭކަ މިލިއަން މީހުން މަހެއްގެ މައްޗަށް ބޭނުންކުރާ އިންސްޓަގްރާމްގެ ފަރާތުން މިފަހަރު ގެނައި ބަދަލަކީ ދިހަ ފޮޓޯ ނުވަތަ ވީޑިއޯ އެއް ޕޯސްޓެއްގައި ޝެއަރ ކުރެވޭނެ ގޮތަށް އެޕްލިކޭޝަން އަޕްޑޭޓް ކުރުމެވެ. ޕޯސްޓުގައި ފޮޓޯއާއި ވީޑިއޯއާ އެކުއެކީގައި ޝެއަރ ކުރާއިރު ޖިފް އިމޭޖްވެސް ސަޕޯޓް ކުރެއެވެ.