މިދިޔަ ހަފުތާގައި ސްކޭމުގެ 53 މައްސަލަ ހުށައަޅާފައިވާ ކަމަށާއި، މިމައްސަލަތަކުގައި ގެއްލުނު ފައިސާގެ 56.73 އިންސައްތަ އަނބުރާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. މިދިޔަ ހަފުތާގައި ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 7 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ހަފުތާގައި ފުލުހުންނަށް ހުށައަޅާފައިވާ މައްސަލަތަކުގައި 475،275.76 ރުފިޔާ ވަނީ ގެއްލިފައެވެ. އަދި ފުލުހުންގެ މަސައްކަތުން މީގެތެރެއިން 269،631.27 ރުފިޔާ އަނބުރާ ހޯދާފައިވެއެވެ. މިއީ، މާލީ ކުށްތައް ހުއްޓުވުމަށާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއްކަން ފުލުހުން ފާހަގަކުރައްވައެވެ.
މިދިޔަ ހަފުތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 7 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ސްކޭމް ހިންގުމަށް އާންމުގޮތެއްގައި ބޭނުންކޮށްފައިވާ މަންސަތަކަކީ، އޮންލައިން މެސެޖިންގ މަންސަތަކާއި، އައިބޭ، ފޯނު ކޯލު، ފިޝިން ލިންކް އަދި ފޭސްބުކް މާރކެޓް ޕްލޭސްކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
* އީ- ކޮމާސް: 22 މައްސަލަ
* ބޭރު ފައިސާ މާރުކުރުން: 12 މައްސަލަ
* އެހެނިހެން: 9 މައްސަލަ
* ބުކިން ކެންސަލޭޝަން ރިފަންޑް ސްކޭމް: 7 މައްސަލަ
* އެހެންމީހަކަށް ހެދިގެން އޮޅުވާލުން: 3 މައްސަލަ
ސްކޭމްތައް ހިންގާ ވަސީލަތްތަކަށް ބަލާއިރު، ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ %99 އަކީ، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސްކޭމްތަކުގެ %95 ހިއްސާކުރަނީ، ސީދާ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކެވެ.
އީ-ކޮމާސް ސްކޭމްތަކަކީ، މިދިޔަ ހަފުތާގައިވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތައް ކަމަށްވާތީ އޮންލައިންކޮށް ވިޔަފާރި ކުރާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
ބުކިންގތައް ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތައް މިހާރަކަށް އައިސް އިތުރުވަމުންދާތީ، އެކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ. ފުލުހުން ވިދާޅުވީ، މިފަދަ ސްކޭމްތަކުގައި، ބުކިންގ ހެދުމަށްފަހު ފައިސާ ދެއްކިކަމުގެ ސައްހަ ނޫން ސްލިޕް ފޮނުވައި، ކުއްލި ބޭނުމަކު ބުކިންގ ކެންސަލްކުރަން ޖެހުނުކަމަށް ބުނެ ފައިސާ އަނބުރާ ހޯދުމަށް އެދޭ ކަމަށެވެ. އެހެންކަމުން، އެއްވެސް ފަރާތަކަށް ފައިސާ އަނބުރާ ފޮނުވުމުގެ ކުރިން، އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ކަށަވަރު ކުރުމަށްވެސް ފުލުހުން އެދިވަޑައިގަންނަވައެވެ.
ފުލުހުން ވިދާޅުވީ، އޮންލައިންކޮށް ވިޔަފާރި ކުރުމުގައި އިތުބާރު ނުކުރެވޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ނުފޮނުވުމަށާއި، މުދާ ލިބުމުން ފައިސާ ދެއްކުމުގެ ކޭޝް އޮން ޑެލިވަރީ އުސޫލަށް އިސްކަންދިނުމަކީ، މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ބޭރު ފައިސާ މާރުކުރުމުގައި ރަސްމީ ބޭންކުތަކާއި ހުއްދަ އޮންނަ މަނީ އެކްސްޗޭންޖުތަކުގެ ޚިދުމަތް ހޯދުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ. ހަމައެއާއެކު، ގާތް ރައްޓެއްސަކު ނުވަތަ އާއިލާގެ މެންބަރެއްގެ ނަމުގައި ފައިސާއަށް އެދި މެސެޖެއް ލިބުނު ކަމުގައިވިޔަސް، ފައިސާ ފޮނުވުމުގެ ކުރިން އެ މީހަކަށް ގުޅައި އެއީ ސައްހަ މުއާމަލާތެއްކަން ޔަގީންކުރުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.
އެންޓިސްކޭމް ސެންޓަރުން މައުލޫމާތުދެއްވާ ގޮތުގައި ޒަމާނީ ޓެކްނޮލޮޖީއާއެކު ރާއްޖޭގައި ސްކޭމްތައް ހިންގާ ގޮތްވެސް ދަނީ ބަދަލުކުރަމުންނެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ބޭނުންކޮށްގެން އުފައްދާ ޑީޕް ފޭކް ކޮންޓެންޓުތަކަށް ސަމާލުވާން ޖެހޭ ކަމަށާއި، އޭއައިއަކީ ސްކޭމަރުން ބޭނުންކުރަން ފަށާފައިވާ ވަސީލަތެއްކަން ފާހަގަކުރެވިފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ވިދާޅުވެއެވެ.
އަދި ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށް ޝައްކުކުރެވޭ އެއްވެސް ލިންކަކަށް ނުފިތުމަށާއި، އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށްވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެއިތުރުން ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވީހާވެސް އަވަހަކަށް 125 އަށް ގުޅައި ރިޕޯޓް ކުރުމަށްވެސް ފުލުހުން އިލްތިމާސް ކުރައްވައެވެ.