ޓެކްނޮލޮޖީ

ދެން ނެރޭ އައިފޯނު ޗާޖުކުރާނީ ވަޔަލެސްކޮށްތަ ؟!


އެޕަލްއިން ވަޔަލެސް ޗާޖިންގ ތަރައްޤީކުރާ ކުންފުންޏަކާއެކު މަސައްކަތްކުރަން ނިންމިކަން އިޢުލާންކުރި ހިސާބުން، ދެން ނެރޭ އައިފޯނަކީ ކަރަންޓު ވާގަނޑެއްގައި ބަދަލުގައި ވަޔަލެސްކޮށް ޗާޖުކުރާ ފޯނެއްކަމަށް ބުނާ ބުނުންތަކަށް މިވަނީ އިތުރު ބާރުތަކެއް ލިބިފައެވެ.

"ދަ ވަޔަލެސް ޕަވަރ ކޮންސޯޓިއަމް" އަކީ ވަޔަލެސް ޗާޖިން ނުވަތަ ކަރަންޓް ވާގަނޑެއް ބޭނުންނުކޮށް، މޭޒުމަތީގައި އޮންނަ ޑޮކެއް މަތީގައި ފޯނުފަދަ ތަކެތި ބާއްވާލައިގެން ޗާޖުކުރުމުގެ އީޖާދުތައް ތަރައްޤީކުރަމުން އަންނަ ބަޔެކެވެ. އެކުންފުނިންވެސް ވަނީ މިދިޔަ ހަފްތާއިން ފެށިގެން އެޕަލްއިން އެމީހުންނާ ގުޅިގެން މަސައްކަތްކުރަން ފަށާފައިވާކަން ހާމަކޮށްފައެވެ.

ކޮންމެ އައިފޯނެއް އާއްމުކުރުމުގެ ކުރިން އެފޯނަކާ ގުޅޭ އެތަކެއް ވާހަކަތަކެއް ތުންތުން މަތިން ދެކެވެއެވެ. ދެން ނެރޭ އައިފޯނު ނުވަތަ ގިނަ ބަޔަކު ބުނާގޮތުން ނަމަ "އައިފޯނު 8" އަކީވެސް ބޮޑެތި ބަދަލުތަކެއް ފެންނާނެ ފޯނެއްކަމުގެ އަޑުތައް މިހާރު ވަނީ ފެތުރެން ފަށާފައެވެ. ވަޔަލެސްކޮށް ޗާޖުކުރުމުގެ އިތުރަށް 10 ވަނަ އަހަރީދުވަސް ފާހަގަކުރާ އައިފޯނުގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. މީގެއިތުރުން ފޯނުގެ ކުރިމަތިން ފެންނަން އިންނަ ހޯމް ބަޓަންވެސް ދެން ނީންނާނެކަމަށް ބައެއް މީހުން ބުނެއެވެ. 

އެޕަލްއިން މިހާރުވެސް ދަނީ އެކުންފުނީގެ އުފެއްދުންތައް ވަޔަލެސް ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެޕަލް ގަޑިއަކީ ވަޔަލަސްކޮށް ޗާޖުކުރެވޭ އެއްޗެކެވެ. މީގެ އިތުރުން އެންމެފަހުން ނެރުނު އައިފޯނު 7 އާއެކު ވަނީ ވަޔަލެސް ހެޑްސެޓްތަކެއްވެސް ތަޢާރަފްކޮށްފައެވެ. 

ވަޔަލެސް ކޮންސޯޓިއަމްއާ ގުޅުނު ވާހަކަތަކާ ބެހޭގޮތުން އެޕަލްއިން ބުނެފައިވަނީ، އެކުންފުންޏާއެކު ގުޅިގެން މަސައްކަތްކުރަނީ ވަޔަލެސް ޗާޖިން ތަރައްޤީކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުންކަމަށެވެ.