ޚަބަރު

ޔޫ.އެން.އެފް.ޕީ.އޭގެ ކަންޓްރީ ޑިރެކްޓަރ ވަދާޢީ ޒިޔާރަތްކުރެއްވުން


ޔޫ.އެން.އެފް.ޕީ.އޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ، ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ވަނީ ޔޫ.އެން.އެފް.ޕީ.އޭގެ ކަންޓްރީ ޑިރެކްޓަރ އެލައިން ސިބަނެލަރގެ ދައުރުގައި ރާއްޖެއަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ކަންޓްރީ ޑިރެކްޓަރ ވަނީ ދިވެހިރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ހޯދާފައިވާ ކާމިޔާބީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ނޭޝަނަލް ހިއުމަން ރައިޓްސް ފްރޭމްވޯކެއް ދިވެހި ސަރުކާރުން އެކަށައަޅުއްވާފައިވާތީ ކަންޓްރީ ޑިރެކްޓަރ ވަނީ ދިވެހި ސަރުކާރަށް މަރުހަބާ ދަންނަވާފައެވެ. 

އެލައިން ސިބަނެލަރ ޔޫ.އެން.އެފް.ޕީ.އޭގެ ކަންޓްރީ ޑިރެކްޓަރުކަމުގެ މަޤާމްގެ މުއްދަތަކީ 2013 ވަނައަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިމަހުގެ ނިޔަލަށެވެ.