ޓެކްނޮލޮޖީ

މިފަހަރު "ނޮކިއާ ބައްތި" ފޯނެއް ނޫން، ނޮކިއާ ސްމާޓް ފޯނެއް!


ހޭންޑް ހެލްޑް ޑިވައިސްތައް ވައިގައި ހިފައިގެން އަންނަން ފެށި ނުވަދިހައިގެ އަހަރުތަކުން ފެށިގެން ދެހާހުގެ ކުރީގެ އަހަރުތަކުގައި ނޮކިއާ އަކީ ނަން މަޝްހޫރު، އާއްމުންގެ މެދުގައި މަޤުބޫލުކަން ހޯދި ބްރޭންޑެކެވެ.

img:http://s3.psmnews.mv/images/660x400/14845266468664.jpg|ނޮކިއާގެ ލުމިއާ ސީރީޒްގެ ފޯނެއް - ފޮޓޯ: ވިންޑޯސް ފޯން ސެންޓްރަލް

ދިވެހީންގެ ތެރެއިން ގިނަ ބައެއްގެ އާއްމު ބަހުރުވައިންނަމަ "ބައްތި ފޯނު" ނުވަތަ "ނޮކިއާ ބައްތި" އަކީ އަދިވެސް އެތައް ބަޔަކު ބޭނުންކުރާ ފޯނެކެވެ. ސްމާޓް ފޯނުތަކުގެ ޒަމާނަށް އައުމާއެކުހެން ނޮކިއާއިންވެސް ސްމާޓް ފޯނުގެ ރޭހަށް ވަނެވެ. ސްމާޓް ފޯނުގެ މާކެޓަށް ވަދެ ގިނަ ޢަދަދެއްގެ ފޯނުތަކެއް ނެރުނު ނަމަވެސް ސްމާޓް ފޯނު މާކެޓަށް ނޮކިއާއިން ގޮންޖަހާލި އުފެއްދުމަކަށްވީ ނޮކިއާ ލުމިއާ ސީރީޒްގެ ފޯނުތަކެވެ. މާކެޓްގައި އުޅުނު ގިނަ ފޯނުތަކަށް ގޮންޖަހާލަން ނޮކިއާއިން ލުމިއާ ސީރީޒްގައި ބޭނުންކުރި އުކުޅަކީ ފެންވަރު ރަނގަޅު ކެމެރާއެއް މި ސީރީޒްގެ ފޯނުތަކުގައި ހިމެނުމެވެ. ދުވަސްތަކެއް ވަންދެން ލުމިއާ ސީރީޒްގެ އަވައިގައި އެތައް ބަޔަކު ޖެއްސިއެވެ. ލުމިއާ ސީރީޒްގެ ފޯނުތަކަށްފަހު ނޮކިއާގެ އުފެއްދުންތެރިކަމުގެ ލޮނުމަޑުވެ އެތައް ދުވަހެއް ވޭތުވެގޮސް، އަނެއްކާވެސް އެކުންފުނިން ސްމާޓް ފޯނުތަކުގެ މައިދާނަށް ގޮންޖަހާލަން ތައްޔާރުވެފައިވާ ކަހަލައެވެ.

ނޮކިއާއިން އިތުރު ސްމާޓް ފޯނެއް ނެރެން ތައްޔާރުވަމުންދާކަން މިހާރު މިވަނީ ހާމަކޮށްފައެވެ. ކުރިން ނެރުނު ލުމިއާ ސީރީޒްގެ ފޯނުތަކުގައި ބޭނުންކުރި މައިކްރޯސޮފްޓް އޮޕަރޭޓިންގ ސިސްޓަމް (އޯއެސް)ގެ ބަދަލުގައި މިފަހަރު ނޮކިއާއިން ބޭނުންކުރާނީ އެންޑްރޮއިޑް އޯއެސް ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.



ނޮކިއާގެ ފޭސްބުކް ޕޭޖުގައި އާއްމުކުރި މިވީޑިއޯއާއެކު ގިނަ ބައެއްގެ ސަމާލުކަން އަނެއްކާވެސް ނޮކިއާއަށް މިވަނީ ހުއްޓިފައެވެ. އެހެންނަމަވެސް ނޮކިއާއިން ޕޯސްޓު ކުރި މި ވީޑިއޯއަށްވުރެ އިތުރު އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނޮކިއާ 6 ގެ ނަމުން ނަން ދީފައިވާ މި ފޯނު އެންމެ ފުރަތަމަ އަންނާނީ ޗައިނާއަށް ކަމަށާއި ފޯނު ދައްކާލާ ތާރީޙަކީ އަންނަ ފެބްރުއަރީ މަހުގެ ސައްބީސްކަމަށްބުނެ ނިންމާލީއެވެ.