ޚަބަރު

ގެއްލުނު މަސްބޯޓު ހޯދުމަށް ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފި


ގެއްލުނު ސްރީލަންކާގެ މަސްބޯޓު ހޯދުމަށް ދިވެހި ސަރުކާރުން ކުރެއްވި މަސައްކަތަށްޓަކައި ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރާއްޖޭގައި ހުންނަ ސްރީލަންކާ އެމްބަސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްރީލަންކާ އެމްބެސެޑަރ އަސޯކާ ތޮރަދެނިޔާ ވަނީ ސްރީލަންކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ޝުކުރުއަދާ ކުރައްވާފައެވެ. ސްރީލަންކާ އެމްބެސެޑަރގެ ވާހަކަފުޅުގައި ސްރީލަންކާގެ މަސްބޯޓު ހޯދުމަށްޓަކައި ރައްޖެއިން ކުރެއްވި މަސައްކަތްތަކަށްޓަކައި ރާއްޖޭގެ ސަރުކާރާއި ޤައުމީ ދިފާއީބާރު އެމްއެންޑީއެފަށާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ. 

ސްރީލަންކާ އެމްބެސެޑަރގެ ވާހަކަފުޅުގައި ލަންކާ މަސްބޯޓު ގެއްލުމާއި ގުޅިގެން އެ މަޢުލޫމާތު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ޙިއްޞާ ކުރެވި ދެޤައުމު ގުޅިގެން ހިންގުނު މި އޮޕަރޭޝަންގެ ސަބަބުން ދެ ޤައުމު ދެމެދު އޮތް ބަދަހި ގުޅުން މުޅި ދުނިޔެއަށް ފެނިގެން ހިނގައްޖެ ކަމުގައި ވިދާޅުވިއެވެ. އަދި މި އޮޕަރޭޝަންގެ ސަބަބުން ކުރިޔަށް އޮތްތާނގައިވެސް ދެޤައުމު ގުޅިގެން ކާމިޔާބު އިތުރު އޮޕަރޭޝަންތައްވެސް ކުރިޔަށް ގެންދެވިދާނެކަން ހާމަވެގެން ހިނގައްޖެ ކަމުގައި ވިދާޅުވިއެވެ.