ޚަބަރު

"މާރކޯ ޕޯލޯ2" ގައި ދަތުރުކުރި މީހުން މާލެ ގެނެސްފި


އަލިފާން ރޯވެގެން އޮޔާދަނިކޮށް ފެނުނު ރާއްޖޭގެ މަސްބޯޓް "މާރކޯ ޕޯލޯ2" ގައި ދަތުރުކުރި މީހުން މާލެ ގެނެސްފިއެވެ.

މިރޭ 1:30 އެހާކަންހާއިރު މި މީހުން މާލެ ގެނެސްފައިވަނީ ކޯސްޓްގާޑުގެ އުޅަނދެއްގައެވެ. މި ބޯޓުން ދަތުރުކޮށްފައިވަނީ ދިވެހި ރައްޔިތަކާއި އިންޑޮނޭޝިއާގެ 9 މީހެކެވެ. މި ބޯޓުގައިތިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ބޯޓުގެ ކެޕްޓަނަކަށް ހުރީ ދިވެއްސެކެވެ. އޭނާ ބުނީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އަންގާރަދުވަހުގެރޭ 7:30 އެހާކަންހާއިރު ބޯޓުގެ އިންޖީނުރޫމުގައި ކަމަށެވެ. އަދި އަލިފާން ރޯވުމާއެކު ސަލާމަތްވުމަށްޓަކައި ބޯޓުގައިތިބި އެންމެންވެސް ލައިފްޖެކެޓް އަޅައިގެން މޫދަށް ފުންމާލިކަމަށެވެ. ބޯޓުގައިތިބި އިންޑޮނޭޝިއާގެ 9 މީހުންނަށް ފަތަން ނޭގޭކަމަށާއި، ސަލާމަތް ކުރަންދެން އެމީހުން ތިބީ އެމީހުން އަޅާފައިވާ ލޭނުބައިގައި ހިފައިގެންކަމަށް ކެޕްޓަންވަނީ ބުނެފައެވެ.

މިހާދިސާގައި ބޯޓުވަނީ އަޑިއަށްގޮސްފައެވެ. މި ބޯޓުގެ އިންޖީނު ރޫމުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކަރަންޓް ޝޯޓަކުންކަމަށް ލަފާކުރެވޭކަމަށް ކެޕްޓަންބުނެއެވެ.

މި މީހުން ކަނޑުވެފައިވަނިކޮށް ސަލާމަތްކޮށްފައިވަނީ ބުދަދުވަހުގެ ހަވީރު 4:30 އެހާކަންހާއިރު އެ ބޯޓު އޮތް ސަރަޙައްދުން ދަތުރުކުރި "ސްޕެއާ 10" ނަމަކަށް ކިޔާ ރާއްޖޭގެ ބޯޓަކުންނެވެ.

ލޭނުމަސްވެރިކަންކުރާ މި ބޯޓު ފެނިފައިވަނީ ގދ.ތިނަދޫގެ ހުޅަނގުން 323 ނޯޓިކަލް މޭލު ބޭރުންނެވެ.