ޚަބަރު

އިރާޤުގައި ދިން ކާރު ބޮމުގެ ޙަމަލާއެއްގައި 13 މީހުން މަރުވެއްޖެ


އިރާޤުގެ ވެރިރަށް ބަޣުދާދުގެ މާރުކޭޓެއްގައި އައި.އެސް. ޖަމާޢަތުގެ ހަނގުރާމަވެރިއެއް ދިން ކާރު ބޮމުގެ ޙަމަލާއެއްގައި ތޭރަ މީހުން މަރުވެ، 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

މިޙަމަލާ ދީފައި ވަނީ ބަޣްދާދުގެ އިރުމަތީގައި އޮންނަ ޖަމީލާ ޑިސްޓްރިކްޓްގައެވެ. ބަޣްދާދުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިޙަމަލާ ދިން މީހާ ބޮން ގޮއްވާލާފައިވަނީ އޭނާ ހުއްޓުވަން ސަލާމަތީ ބާރުތަކުން މަސައްކަތް ކުރުމުންނެވެ. އައި.އެސް. ޖަމާޢަތުން މިހަމަލާގެ ޒިންމާ އުފުލާފައި ވަނީ އެޖަމާޢަތުން ނެރެފައިވާ ބަޔާނެއްގައެވެ.

މިބަޔާނުގައި ބުނެފައި ވަނީ މިޙަމަލާއަކީ ޝީއީންގެ އެއްވުމަކަށް އަމާޒުކޮށް ދިން ޙަމަލާއެއް ކަމަށެވެ. އައި.އެސް. ޖަމާޢަތުން ބަޤްދާދަށް ދެމުންދާ ޙަމަލާތައް ވަނީ ފަހަކަށް އައިސް އިތުރުވެފައެވެ.