ހުޅަނގު އައްސޭރީގެ އަވަށެއްގައި ފަލަސްޠީނުގެ ރައްޔިތުން ޒައިތޫނި ބިންނަން ތިއްބައި، މޫނު ނިވާކޮށްގެން ތިބި 80 އަށްވުރެ ގިނަ ޔަހޫދީ ވަޒަންވެރިން ރާވައިގެން ދިން ނުރައްކާތެރި ހަމަލާއެއްގައި ބޭރުގެ ނޫސްވެރިއަކު ހިމެނޭހެން މަދުވެގެން 2 މީހަކު ޒަޚަމްކޮށްލުމުގެ އިތުރުން ޒައިތޫނި ގަސްތަކުގައި ރޯކޮއްލައިފިއެވެ.
ފަލަސްޠީނުގެ އަބޫ ފަލަޙް އަވަށުގެ ރައްޔިތުން ޒައިތޫނި މޫސުމާ ދިމާކޮށް މޭވާ އެއްކުރުމަށް އެއްވެ ތިބި ދަނޑުތަކަށް، ކަރުނަގޭހާއި ނުރައްކާތެރި ހަތިޔާރާއެކު ޔަހޫދީ ވަޒަންވެރިން ވަނީ ކުއްލިއަކަށް އަރައިގެންފައެވެ. އެމީހުން ވަނީ ޒައިތޫނި ގަސްތަކުގައި ރޯކޮށްލުމުގެ އިތުރުން، އާންމުންނަށް އަމާޒުކޮށް ހިލައާއި ބަޑި ބޭނުންކޮށްގެން ހަމަލާދީފައެވެ.
މި ހަމަލާގައި އެމެރިކާގެ ވޮޝިންޓަން ޕޯސްޓްގެ ފޮޓޯ ނޫސްވެރިޔާ ހައިޑީ ލެވިންއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އޭނާ ބިންމައްޗަށް ވެއްޓުމުންވެސް ޔަހޫދީން އަނިޔާކުރަމުން ދަނިކޮށް، ފަލަސްޠީނުގެ ނޫސްވެރިންގެ އެހީތެރިކަމާއެކު އޭނާ ސަލާމަތްކޮށް، އެމްބިއުލާންސެއްގައި ފުރަތަމަ ގެންދެވުނީ އަބޫ ފަލަޙް ކްލިނިކަށެވެ. އަދި ފަހުން އިތުރު ފަރުވާއަށް ރާމަﷲގެ ހަސްފަތާލަކަށް ވަނީ ބަދަލުކޮށްފައެވެ. މި ހާދިސާ ހިނގި ސަރަހައްދަށް ޔަހޫދީ ސިފައިން އައިސް ވަޒަންވެރިން ހުއްޓުވުމުގެ ބަދަލުގައި، އަނިޔާ ލިބެމުންދިޔަ ފަލަސްޠީނު މީހުންނާ ދެކޮޅަށް ކަރުނަގޭސް ޖަހައި ހާލަތު އިތުރަށް ގޯސްކުރިކަން ރިޕޯޓުތަކުން ހާމަވެއެވެ.
ޔަހޫދީންގެ އުދުވާންތައް ގާތުން ބަލަމުންދާ ޖަމާއަތަކުން ހާމަކޮށްފައިވާ ގޮތުގައި، ސެޕްޓެމްބަރު 27 ގައި ޒައިތޫނި މޫސުން ފެށުނުފަހުން، ވަޒަންވެރިން މިފަދަ 170 އަށްވުރެ ގިނަ ހަމަލާ ވަނީ ދީފައެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހައްދުފަހަނައެޅި ސަރުކާރުން ހުޅަނގު އައްސޭރީގައި ޣައިރުޤާނޫނީ ޖަގަހަތައް ހަލުވިކަމާއެކު ފުޅާކުރަމުންދާތީ، ޔަހޫދީ ވަޒަންވެރިންގެ މިފަދަ އަމަލުތައް އިތުރުވަމުންދާ މައްސަލައިގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ހަމަލާގެ ކުރިން، އެދުވަހުގެ ހެނދުނު ތުރްމުސް އައްޔާ އަވަށުގައިވެސް ވަޒަންވެރިން ވަނީ ޒައިތޫނި ބިންނަން ތިބި ދަނޑުވެރިންގެ 3 ކާރެއްގައި ރޯކޮށްލާފައެވެ. ހުޅަނގު އައްސޭރީގައި 3 މިލިއަނަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ދިރިއުޅޭއިރު، އެ ސަރަހައްދުގައި 500,000 އަށްވުރެ ގިނަ ޔަހޫދީ ވަޒަންވެރިން ދިރިއުޅެމުންދަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ކަމަށް އދ. އިން ވަނީ ކަނޑައަޅާފައެވެ.