ޚަބަރު

ތިން ދުވަހުން ކަންކަން ހައްލުކުރަން އުނދަގޫ: އާތިފް


  • މާޒިޔާގެ ސްކޮޑާއި ޓީސީގެ ސްކޮޑް އަޅާ ނުކިޔޭނެ

  • މި ސީޒަނުގައި ޓީސީ ކޮޅަށް އެންމެ ގިނައިން ގޯލު ވަނީ ސެޓްޕީސްތަކުން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީގެ "ބަލިފައި" (ސެޓްޕީސްތަކުން ވަންނަ ގޯލު) މައްސަލަ ހައްލުކުރަން ދެ މެޗު ދޭތެރޭ ލިބެނީ ތިން ދުވަސްކަމަށާއި، އެ މުއްދަތުގައި އެ މައްސަލަ ހައްލުކުރަން އުނދަގޫ ކަމަށް ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.

ޓީސީ ކޮޅަށް މި ސީޒަނުގައި ވަން ގިނަ ގޯލުތަކަކީ ސެޓްޕީސްތަކުން އިދިކޮޅު ޓީމުތައް ކާމިޔާބުކުރި ގޯލުތަކެވެ. އެންމެ ފަހުން އީގަލްސް އަތުން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިވި މެޗުގައި ފެނިގެންދިޔަ ތިން ގޯލަކީވެސް ސެޓްޕީސްތަކުގެ ފައިދާ ނަގައި އީގަލްސްއިން ކާމިޔާބުކުރި ތިން ލަނޑެވެ.

ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓީސީގެ ކޯޗު އާތިފް ފާހަގަކުރި އެއް ކަމަކީ ޓީސީގެ ބަލިފަޔަކީ ސެޓްޕީސްތައް ކަމަށެވެ. އަދި މާޒިޔާ މެޗަށް ނުކުންނައިރު، ޓީސީން އެންމެ ބޮޑަށް ތައްޔާރުވަނީ ވެސް ސެޓްޕީސްތަކުން ކޮޅަށް ވަންނަ ގޯލުގެ މައްސަލަ ހައްލުކުރުމަށް ކަމަށް ކޯޗު އާތިފް ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ ސީޒަނުގައި މާޒިޔާގެ މޮޅުވުމުގެ ރެކޯޑަށް ނިމުން ގެނައީ ޓީސީންނެވެ. އެކަމަކު، ޓީސީގެ މިހާރުގެ ސްކޮޑުގައި ތިބީ އެ މެޗު ކުޅުނު މަދު ކުޅުންތެރިންތަކެއްކަން ކޯޗު އާތިފް ވަނީ ފާހަގަކޮށްފައެވެ. އެކަމަކު މާޒިޔާއާ ރަނގަޅު ފައިޓެއް ދެވޭނެ ކަމަށް އާތިފް ގަބޫލުކުރެއެވެ.

އާތިފް ބުނީ، މާޒިޔާއާ ދެކޮޅަށް ނުކުންނައިރު، މާޒިޔާގެ ސްކޮޑާއި ޓީސީގެ ސްކޮޑު އަޅާ ނުކިޔޭނެ ކަމަށެވެ. އަދި މާޒިޔާގެ ބެންޗުން އަރަން ތިބީވެސް ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ބަދަލުކުރެވޭނެ ފެންވަރުގެ ކުޅުންތެރިންކަން އާތިފް ވަނީ ފާހަގަކޮށްފައެވެ.

ލީގުގައި ޓީސީއާ މާޒިޔާ ބައްދަލުކުރާ މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގައެވެ. މި މެޗު ޔެސް ޓީވީން ލައިވް ކުރާނެއެވެ.