ޚަބަރު

އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު މި މަހު 31ގައި


  • އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު ވަނީ އާންމުކޮށްފައި

  • ވޯޓުލުން ކުރިއަށްދާނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށް

ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑަށް އައްޔަން ކުރާ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބު މި މަހުގެ 31ގައި ބާއްވަން ތާވަލުކޮށްފިއެވެ.

އެލްޖީއޭއިން މި އިންތިޚާބު ބޭއްވުމަށް ތާވަލުކުރީ މިދިޔަ އޯގަސްޓް މަހުގެ 8ވަނަ ދުވަހުއެވެ. ނަމަވެސް އިންތިޚާބާ ގުޅިގެން ޝަކުވާތަކެއް ލިބުމުގެ ސަބަބުން އެ އިންތިޚާބު ފަސްކުރުމަށް ނިންމިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީގެ ރައީސުންގެ ތެރެއިން 2 މެންބަރުން އެލްޖީއޭގެ ބޯޑަށް އައްޔަން ކުރާނެއެވެ. އެއީ ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި އަންހެނުންގެ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެކެވެ.

އެލްޖީއޭއިން އާންމުކޮށްފައިވާގޮތުގައި މި އިންތިޚާބުގައި ކައުންސިލަރުންގެ ތެރެއިން ވާދަކުރަނީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޢަލީ ޡާފިރެވެ. އަދި އަންހެނުންގެ ކޮމިޓީގެ ރައީސުންގެ ތެރެއިން ވާދަކުރަނީ ލ. ގަމު ކޮމިޓީގެ ރައީސް މަރްޔަމް ނީނާ، އާއި ށ. ފުނަދޫ ކޮމިޓީގެ ރައީސް މަރްޔަމް ޒީނާއެވެ.

މި މަގާމުތަކަށް ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓުވެސް އެލްޖީއޭއިން މިހާރުވަނީ އާންމުކޮށްފައެވެ. އެ އޮތޯރިޓީން ވިދާޅުވެފައިވާގޮތުގައި އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާނީ އެލްޖީއޭ އާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކާއި ހުޅުދޫ އިޖުތިމާޢީ މަރުކަޒުގައި ކަަމަށެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުން ކުރިއަށްދާނީ މި މަހުގެ 31ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވިރު 4:00 އަށް ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

އެލްޖީއޭގެ ބޯޑުގައި ތިއްބަވަނީ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުގެ އިތުރުން، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖުރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމުއިއްޔާގެ މެންބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.