މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ހާނިކަވި 5 މީހުންގެ ތެރެއިން ހާލުދެރަވެ ވެންޓިލޭޓަރަށްލި ދެ މީހުންވެސް ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއްޖެއެވެ.
މި އެކްސިޑެންޓުގައި 5 މީހަކަށް އެކިވަރުގެ ހާނިކަވުމުގެ ސަބަބުން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އޭގެ ތެރެއިން 2 މީހަކު ހާލުދެރަވެ ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގައެވެ.
އައިޖީއެމްއެޗްއިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވެންޓިލޭޓަރުގައި ފަރުވާދެމުން އައި ދެ މީހުންވެސް މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި އޭގެތެރެއިން އެކަކަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އަދި ދެވަނަ މީހާއަށް ފަރުވާ ދެމުން އަންނަނީ ހައި ޑިޕެންޑެންސީ ޔުނިޓް، އެޗްޑީޔޫގައި ކަމަށް ވިދާޅުވިއެވެ.
މި އެކްސިޑެންޓުގައި ހާނިކަވެ، ފަރުވާ ދެމުން އައި އިތުރު 3 މީހުންގެ ތެރެއިން އެކަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާ ކަމަށްވެސް އައިޖީއެމްއެޗުން ވިދާޅުވިއެވެ. ދެ މީހުންނަށް ވޯޑުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާ ގޮތުގައި މި މަހުގެ 7ވަނަ ދުވަހުގެ ރޭ ދަންވަރު 2:55 ހާއިރު އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުން ވަންވޭއާ ޚިލާފަށް ދުއްވި ސައިކަލެއް އެހެން ސައިކަލަކާޖެހިގެންނެވެ. މި އެކްސިޑެންޓުގައި 5 މީހަކަށް ވަނީ އެކިވަރުގެ ހާނިކަވެފައެވެ.
ވަންވޭއާ ޚިލާފަށް ދުއްވި ސައިކަލަކީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސައިކަލެކެވެ. އެ ސައިކަލު ދުއްވީ 3 މީހުން އަރައިގެން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި 3 މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން އިރުމަތީގެ / ލ.މާމެންދޫ، އުމުރުން 27 އަހަރުގެ މުޙައްމަދު ސައިފް ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ފަރުވާއަށްފަހު ދޫކޮށްލުމުން، މި މަހުގެ 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މުޙައްމަދު ސައިފަކީ ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑާއި އަހަރީ ފީ އާއި ރޯޑުވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކާއި މުވާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ދުއްވުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެކްސިޑެންޓުގައި އަނެއް ސައިކަލުގައި ތިބީ އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރިން ކަމަށް މައުލޫމާތު ލިބެއެވެ. އެ ދެ މީހުންގެ އާއިލާގެ މީހަކު ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވާގޮތުގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންއައީ އެ ދެ މީހުންނަށެވެ.