ޚަބަރު

ކުލި ނުދައްކާތީ 2 ފްލެޓެއް ހުސްކުރަން އަންގައިފި


  • އެއްބަސްވުން ބާތިލުކުރުމުގެ ކުރިން 30 ދުވަހުގެ ނޯޓިސް ދީފައިވޭ

  • ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަސް ދީފައިވޭ

ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ޓަވަރުތަކުގެ 2 ޔުނިޓަކާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ޔުނިޓުތައް ހުސްކުރުމަށް އެ ފަރާތްތަކަށް ނޯޓިސް ފޮނުވައިފިއެވެ.

އެފްޑީސީން ހާމަކުރި ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ، 4000 ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ ކުރިން ވެފައިވާ ކުއްޔަށް ދިނުމާއި މިލްކުކުރުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ތެރޭގައި ތަކުރާރުކޮށް ފުރުސަތު ދީފައިވެއެވެ.

އެފްޑީސީން ވިދާޅުވީ، މި މުއްދަތުގައި ދެފަހަރެއްގެ މަތިން ޕޭމަންޓް ޑިފޯލްޓް ނޯޓިސް ފޮނުވުމުގެ އިތުރުން އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސްވެސް ފޮނުވާފައިވާ ކަމަށެވެ. އަދި މި ނޯޓިސްތައް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ހަވާލުކޮށްފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

ފައިސާ ދެއްކުމަށް އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން އެކަށީގެންވާ ފުރުސަތުތަކެއް ދީ، ކަނޑައެޅިފައިވާ މުއްދަތު ހަމަވިއިރުވެސް ފައިސާ ދައްކާފައިނުވާތީ، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިޓު ހުސްކޮށް ހަވާލުކުރުމަށް އެފްޑީސީން މިހާރު ވަނީ އެ ޔުނިޓުތަކަށް އަންގާފައެވެ. އަދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓަށް ދީފައިވާ އެކްސެސްވެސް ވަނީ ކަނޑާލާފައެވެ.

އެފްޑީސީން ފާހަގަކުރި ގޮތުގައި މި ފިޔަވަޅުތަކަކީ އެއްބަސްވުމުގެ އުސޫލުތައް ނެގެހެއްޓުމަށާއި، އެންމެހައި ފަރާތްތަކުގެ މައްޗަށް ހަމަހަމަކަމާއި، އިންސާފުވެރިކަމާއެކު ތަންފީޒުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ. އަދި ޢިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށް އެއްބަސްވުމާ އެއްގޮތަށް ޤަވާއިދުން މަހުން މަހަށް ކުއްޔާއި، މެއިންޓެނަންސް ފީ ދެއްކުމަށް އަމާން ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މިމަހުގެ 2ވަނަ ދުވަހު ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މަހުން މަހަށް ޤަވާއިދުން ކުލި ދައްކަމުން ދަނީ 3،362 ޔުނިޓުންނެވެ. އަދި ޤަވާއިދުން ކުލި ނުދައްކާ 564 ޔުނިޓު ހުރިކަން އެކުންފުނިން ފާހަގަކުރައްވައެވެ.

އެފްޑީސީގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުގައި ދިރިއުޅޭ ފަރާތްތަކާއި ގުޅިގެން ހުށައަޅަމުންދާ މައްސަލަތައް އެފްޑީސީން އަންނަނީ ބަލަމުންނެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް އެ ފްލެޓުތަކާ ގުޅޭ 49 މައްސަލަ ހުށަހަޅައި، ބަލަމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.