ޚަބަރު

ކޮޕްގައި ހުށައަޅާނެ ކަންކަމުގެ މަޝްވަރާގައި ރާއްޖެއިން ބައިވެރިވެއްޖެ


  • ބައްދަލުވުން ކުރިއަށްދަނީ ސަމޯއާގެ ވެރިރަށް އަޕިއާގައި

  • ވަކާލާތުކުރާނެ މައިގަނޑު ކަންކަން ކަނޑައަޅާނެ

  • ރާއްޖެއަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ދިފާޢުގައި ވަކާލާތުކުރާ ޤައުމެއް

މޫސުމާ ބެހޭ އެންމެ ބޮޑު ބައްދަލުވުން ކޮޕް-31ގައި ކުދި ޖަޒީރާ ޤައުމުތަކުން ހުށައަޅާނެ ކަންކަމާގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިއީ ކުރިއަށް އޮތް ކޮޕް-31 މޫސުމީ ބައްދަލުވުމުގެ ކުރިން، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯސިސް) ގެ ކްލައިމެޓް ޗޭންޖް ކޯޑިނޭޓަރުންގެ މެދުގައި ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

ސަމޯއާގެ ވެރިރަށް އަޕިއާގައި މިހާރު ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ތިމާވެއްޓާ ބެހޭ ބެހޭ ވުޒާރާގެ ފަރާތުނ ޑިރެކްޓަރ ޢާއިޝަތު އައިލީން ނިޔާޒް އަދި ޑިރެކްޓަރ ތިބްޔާން އިބްރާހީމް އެވެ.

މި ބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ހާލަތްތަކާ ކުރިމަތިލާންޖެހިފައިވާ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށާއި، ބައިނަލްއަޤްވާމީ މޫސުމީ މަޝްވަރާތަކުގައި އެ ޤައުމުތަކުން ހުށައަޅާ ކަންކަން ކަނޑައެޅުމުގެ މަޤްޞަދުގައި ބާއްވާ ބައްދަލުވުމެކެވެ.

ޚާއްޞަކޮށް، ކުރިއަށް އޮތް ކޮޕް-31 ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ކުދި ޖަޒީރާ ޤައުމުތަކުން ވަކާލާތުކުރާނެ މައިގަނޑު ކަންކަން ކަނޑައެޅުމާއި، ސްޓްރެޓެޖީތައް އެކުލަވާލުން މި ބައްދަލުވުމުގެ ތެރޭގައި ކުރިއަށްދާނެއެވެ.

ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައި، ވަކިން ޚާއްޞަކޮށް އޭއޯސިސް ފަދަ ޖަމާޢަތްތަކުގައި އަބަދުވެސް އިސް ސަފުގައި ވަކާލާތުކުރަމުން އަންނަ ޤައުމެކެވެ.

ރާއްޖެއިން އަންނަނީ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ވިލުންވެރިކަން އިތުރުކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ.

ކޮޕް-31 އޮންނާނީ އަންނަ ނޮވެންބަރު މަހުގެ 9އިން 20އަށް ތުރުކީގައެވެ.

މި ކޮންފަރެންސްގައި މަޝްވަރާ ކުރާ ކަންކަމުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަށް ކުޑަކުރުމަށް ކުރެވޭނެ ކަންކަމާއި މޫސުމީ ގެންލުންތަކުން އަރައިގަތުމަށް ކުރެވޭނެ މަސައްކަތްތަކާއި އެކަމަށް މާލީ އެހީ ހޯދާނެ ގޯތްތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވެ. ޚާއްސަކޮށް ތިމާވެއްޓާ ރައްޓެއްހި ނިޒާމުތައް އެކަށައެޅުމަށް ގައުމުތައް ގުޅިގެން ކުރާނެ މަސައްކަތްތަކަށް މަޝްވަރާކޮށް، ޢަމަލީ ސިފަ ގެވޭނެ ގޮތްޔަކަށްވެސް މަޝްވަރާކުރެއެވެ.

ރާއްޖެއަކީ ކޮޕްގައި، ކުދި ޖަޒީރާ ޤައުމުތަކުގެ މަޝްވަރާތަކުގައި އެންމެ އިސްކޮށް ވަކާލާތުކޮށް މަސައްކަތްކުރާ އެއް ޤައުމެވެ.