ޚަބަރު

ސިވިލް ސަރވިސް މުވައްޒަފުން އައްޔަނުކުރުމުގެ ނިޒާމު އޮންލައިންކުރަނީ


  • މި ނިޒާމު ވާނީ ދެފުށްފެންނަ ނިޒާމަކަށް

  • ގިނަ ޚިދުމަތްތަކެއް ޑިޖިޓަލައިޒް ނިޒާމަށް ދަނީ ބަދަލުކުރަމުން

  • 2025ވަނަ އަހަރުގެ ރިޕޯޓް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ހުށައަޅާފައި

ސިވިލް ސަރވިސްއަށް މުވައްޒަފުން އައްޔަނުކުރުމުގެ ނިޒާމު، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ދެފުއްފެންނަ ގޮތެއްގައި ކުރިއަށްގެންދެވޭނެ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކޮމިޝަންއިން ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ 2025ވަނަ އަހަރުގެ އަހަރީ ރިޕޯޓް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ހުށައަޅާފައެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ކައުންސެލް ޖެނެރަލް އިބްރާހިމް ރަޝީދު ވިދާޅުވީ، އެކޮމިޝަންގެ ޚިދުމަތްތައް ދެފުއްފެންނަ ގޮތެއްގައި ދިނުމަށް ގިނަ ބަދަލުތަކެއް ގެންނަމުންދާކަމަށެވެ. އެގޮތުން ޝަކުވާ ހުށައެޅުމަށް އޮންލައިން ކޮމްޕްލެއިންޓްސް މޮޑިއުލްއެއް ޤައިމުކޮށް ޖަވާބުދާރީ ވެވޭނެ ނިޒާމެއް ވަނީ ޤާއިމުކޮށްފައެވެ.

ވަޒީފާ ދިނުމުގެ ބައިތަކުގެ ތެރެއިން، ވަޒީފާއަށް ވަންނައިރު ހަދާ ޓެސްޓްތައް އޮންލައިންކޮށް ހެދޭނެ ނިޒާމެއް ޤާއިމުކުރަމުންދާކަމަށް ރަޝީދު ވިދާޅުވިއެވެ.

"ބައެއް ދާއިރާތަކުން އޮންލައިން ރެކްރޫޓްމަންޓް ނިޒާމެއް ޤާއިމުކުރުމަށް ދަނީ މަސައްކަތްތަކުރަމުން. ޓެސްޓް ހެދުންފަދަ ކަންކަން. އެކަން ކުރާނީ ވަރަށް ދެފުއްފެންނަ ނިޒާމަކުން." ކައުންސެލް ޖެނެރަލް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ހިމަނާފަވާ ކަންކަމަށް ބަލާއިރު، 2025ވަނަ އަހަރު ސިވިލް ސަރވިސްގެ ވަޒީފާއަށް އަލަށް 4370 މީހުން ގުޅިފައިވެއެވެ. އެއް ވަޒީފާއިން އަނެއް ވަޒީފާއަށް 415 މީހުން ބަދަލުވެފައިވެއެވެ. 1935 މީހުންނަށް ޕްރޮމޯޝަން ލިބިފައިވެއެވެ. އަދި ވަޒީފާއިން ވަކިވި މުވައްޒަފުންގެ އަދަދު 1506އަށް އަރައެވެ.

މިދިޔަ އަހަރު އެކޮމިޝަނަށް 5930 ޝަކުވާ ލިބިފަވެއެވެ. އޭގެތެރެއިން 5834 ޝަކުވާއަކަށް ވަނީ ޖަވާބުދާރީވެފައެވެ. އެންމެ ގިނައީ ވަޒީފާއަށް އައްޔަނުކުރުމާ ގުޅޭގޮތުން ހުށައަޅާ ޝަކުވާތަކެވެ.

އެކިއެކި ޚިދުމަތްތަކާއި ގުޅޭގޮތުން 8000އާށްވުރެ ގިނަ ރިކުއެސްޓް ލިބިފައެވެ. ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 35،000އަށްވުރެ އިތުރެވެ. ކޮމިޝަންގެ މުވައްޒަފުންގެ ޢަދަދު މަދުވުމުގެ ސަބަބުން، މިހާ ގިނަ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމުގައި ދަތިވާކަން ކޮމިޝަނުން މަޖިލީހުގައި ފާހަގަކޮށްފަވެއެވެ.

2025ވަނަ އަހަރު ކޮމިޝަނުން 3 ޤަވައިދެއް އަލަށް އެކުލަވާލިއެވެ. އަދި 19 އިސްލާހެއް ނެގެންފައިވެއެވެ. މީގެއިތުރުން 72 އިދާރި އޮނިގަނޑެއް ފާސްކޮށްފައިވެއެވެ.