ރަސްމާލޭގައި ޔަހޫދީންގެ ދިރިއުޅެން ފުރުސަތު ނުދެއްވާނެކަމުގެ ޔަޤީންކަން ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ދެއްވައިފިއެވެ.
ލިންކްޓްއިންގައި ވަޒީރު ޝާއިއުކުރެއްވި ލިޔުމެއްގައި ވިދާޅުވީ ރަސްމާލެ މަޝްރޫއާ މެދު އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަކީ ހަމައެކަނި އެ ތަނުގެ އަގު ނުވަތަ ކުއްޔަށް ދޫކުރާ އުސޫލުތަކާ ގުޅޭ ކަންކަމެއް ނޫންކަމަށާ، ފަލަސްތީނާވެސް ގުޅިފައިވާ ކަންބޮޑުވުންތަކެއްކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރަސްމާލެ މަޝްރޫޢުގެ ސަބަބުން، އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ނުވަތަ އިސްރާއީލުގެ ކޮންޓްރޯލް އޮންނަ އެއްވެސް ކުންފުންޏަކަށް، މުދާ ގަންނަ ފަރާތެއްގެ ގޮތުގައި، މަންފާލިބޭ ވެރިއެއްގެ ގޮތުގައި، ހިއްސާދާރެއްގެ ގޮތުގައި، ފައިސާ ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި ނުވަތަ ސޭލްސް އޭޖެންޓެއްގެ ގޮތުގައިވެސް، މިލްކުވެރިކަމުގެ އެއްވެސް މަރުހަލާއެއްގައި ބައިވެރި ނުވެވޭނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ރަސްމާލެ މަޝްރޫޢުގެ ސަބަބުން ޔަހޫދިން ރާއްޖެއަށް އައިސްދާނެކަމަށް ބުނެ ފަތުރަމުންދާ ބިރުވެރިކަމަކީ އެއްވެސް އަސާސެއް އޮތް ކަމެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރަސްމާލެއަކީ ޔަހޫދީން ވަޒަންވެރިވުމަށް ލިބޭ ފުރުސަތަކަށް ވެދާނެ ކަމަށް ބުނެ ފަތުރަމުންދާ ބިރަކީ މީގެ ކުރިން ދުނިޔޭގެ އެއްވެސް ތަނެއްގައި ކަން ހިނގާފައިވާ ގޮތެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. ޔަހޫދީންގެ ވަޒަންވެރިކުރުވުމުގެ ސިޔާސަތުތައް ބިނާވެފައިވަނީ އެހެން ގައުމުތަކުގައި ތިބި ޔަހޫދީން އިސްރާއީލަށް ގެނައުމަށްކަމަށާއި އެހެން ގައުމުތަކަށް އެމީހުން ފޮނުވުމަކަށް ނޫންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. .
މިނިވަން ގައުމެއްގައި، ބޭރުގެ ފަރާތްތަކުން ޗުއްޓީ ހޭދަކުރާނެ ގެތަކެއް ނުވަތަ ކުއްޔަށް ހިފާ ބިންތަކެއް މެދުވެރިކޮށް މިފަދަ އިސްތިއުމާރީ ހަރަކާތެއް ހިންގާފައިވާ އެއްވެސް މިސާލެއް ދުނިޔޭގެ އެއްވެސް ތަނަކުން ފެންނަން ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކުން ފަތުރަނީ އެއްވެސް އަސާސެއް ނެތް ބިރުވެރިކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
2025 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މި ސަރުކާރުން ވަނީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފައެވެ. އެހެންކަމުން، މިފަދަ ވަރުގަދަ ނިންމުމެއް ނިންމި ސަރުކާރަކުން، ބިމުގެ މުއާމަލާތެއްގެ ތެރެއިން ސިއްރިއްޔާތުގައި އެ އުސޫލުތަކާ ޚިލާފުވާނެ ކަމަށް ބުނުމަކީ ބުއްދި ޤަބޫލުކުރާ ވާހަކައެއް ނޫންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، އީގަލް ހިލްސް ކުންފުނިންވެސް ވަނީ ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބާނެ ކަމަށް ހާމަކޮށްފައެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެއަށް ރަސްމާލެ މަޝްރޫޢުގެ ސަބަބުން ޔަހޫދީ އާބާދީ ނާންނާނެކަން ޔަޤީންކުރުމަށް އިތުރު ފިޔަވަޅުތައް އަޅުއްވާނެކަމަށެވެ.
މުދާ ގަންނަ ކޮންމެ ފަރާތަކުންނާއި އޭގެ މަންފާލިބޭ ވެރިން، އެމީހުންގެ އަތުގައި އޮތް ނުވަތަ ކުރިން އޮތް ހުރިހާ ގައުމެއްގެ ރައްޔިތުކަން ހާމަކުރަންޖެހޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ދޮގު މައުލޫމާތެއް ދީފިނަމަ ކުލީގެ އެއްބަސްވުން ބާތިލުވެ، އެ މުދަލެއް ދައުލަތަށް ނަގައި، ދެއްކި ފައިސާވެސް ދައުލަތަށް ހިފޭނެއެވެ. މި ޗެކްތައް ކޮންމެ ފަހަރަކު މިލްކުވެރިކަން ބަދަލުވާއިރު ކުރިއަށްދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރެސިޑެންސީ ލިބޭނީ މިހާރުވެސް އޮތް ކޯޕަރޭޓް ރެސިޑެންސް ވިސާގެ ދަށުންކަމަށެވެ. މި ސަރުކާރުގެ ދަށުން ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ އުސޫލާއި، މަތީގައި ބަޔާންކުރި ގައުމަށް ބަލައި ސްކްރީންކުރުމުގެ އުސޫލު ހިނގާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ކުލީގެ އެއްބަސްވުމެއްގެ ދަށުން ބިން ލިބޭނީ ހަމައެކަނި ހުއްދަދެވޭ ފަރާތްތަކަށް ކަމަށާ އެއްވެސް ފަރާތަކަށް ދާއިމީކޮށް (ފްރީހޯލްޑް) ބިން މިލްކުކުރުމުގެ ނުވަތަ ބޭނުންހާ އިރަކު ކުލީގެ މުއްދަތު އައުކުރުމުގެ އިޚުތިޔާރެއް ނޯންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.