ޚަބަރު

ނިއުގެ މެޗު އެއްވަރުކޮށްލުމަކީ ލިބުނު ޝަރަފެއް: މޫސަ


  • މެޗު ކުޅުނީ ދިއްދޫގައި

  • މެޗު ނިމުނީ 2-2 އިން ދެޓީމު އެއްވަރުވެގެން

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަކީ ކޯޗިންގް ކެރިއަރުގައި އެންމެ ޝަރަފުވެރި މެޗުތަކަށް ދިއްދޫ ސްޕޯޓްސް ކުލަބުގެ ކޯޗު މޫސާ އިބްރާޙީމް ބުނެފިއެވެ.

ދިވެހި ލީގުގައި އަމިއްލަ ފަސްގަނޑުގައި ދިއްދޫއިން ކުޅުނު ފުރަތަމަ މެޗުގައި ނިއުއާ ދެކޮޅަށް އެޓީމުގެ ފަރާތުން ފެނުނީ ތަފާތު ރޫހެއްގައި، މޮޅު ކުޅުމެއް ކުޅުނު ތަނެވެ.

މި މެޗުގައި މޮޅަށް ކުޅުނީ ވެސް ދިއްދޫއިންނެވެ. މެޗު ފަށައިގެން ވެސް ކުރިއަށް ޖެހި، އެޓޭކިން މޮޅު ގޭމެއް އެޓީމުން ކުޅުނުއިރު މެޗުގެ ފުރަތަމަ 13 މިނެޓުގެ ތެރޭގައި އެޓީމުން ވަނީ ދެލަނޑު ޖަހާފައެވެ.

މެޗުގައި ނިއުއަށް ބަލިނުވެ ސަލާމަތްވެވުނީ މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ، އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނެޓުގެ ކުޅުން ވެސް ހަމަވި ފަހުން ޢަބްދުﷲ ބިލިޓީ ކާމިޔާބުކުރި ލަނޑުންނެވެ.

މެޗަށްފަހު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި މޫސާ ބުނީ، މިއީ އޭނާގެ ކޯޗިންގް ކެރިއަރުގައި ކުޅެވުނު އެންމެ ޝަރަފުވެރި މެޗު ކަމަށެވެ.

ނިއުރޭޑިއަންޓަކީ ރާއްޖޭގެ އެންމެ ރަން ތާރީޚެއް އޮތް ކުލަބުކަމާއި އެޓީމަކީ ޤައުމީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންނާއި މޮޅު ކޯޗިން ޓީމެއް އޮތް ޓީމެއްކަން ފާހަގަކޮށް، އެފަދަ ޓީމަކާ ދެކޮޅަށް ރޭވުންތެރިކަމާއެކު ދިއްދޫ ޓީމުގެ ކުޅުންތެރިން ދެއްކި ހުނަރާއި ކުރި ބުރަ މަސައްކަތަށް މޫސާ ވަނީ ފަޚުރުވެރި ކޯޗެއްގެ ހައިސިއްޔަތުން ޝުކުރު އަދާކޮށްފައެވެ.

މޫސާ އިތުރަށް ބުނީ، ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުންނާއި ރައްޔިތުން ގުޅިގެން އެކުގައި މަސައްކަތްކުރާނަމަ، ﷲ ގެ ހެޔޮ ރަޙްމަތާއިއެކު ދިއްދޫ ދާނީ ކުރިއަށް ކަމަށެވެ.

ދިއްދޫއިން ދިވެހި ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ ޕޮއިންޓެއް ހޯދިއިރު، އެޓީމުން ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ފުރަތަމަ ޑިވިޝަނުގައި މިދިޔަ ސީޒަނުގައި ކުޅުނު ބުރު ސްޕޯޓްސް ކުލަބު އަތުން މޮޅުވެ، 3 ޕޮއިންޓު ހޯދާފައެވެ.

އަދި ދެވަނަ މެޗުގައި ވިކްޓްރީ އަތުން 3-4 އިން ބަލިވި ނަމަވެސް، އެ މެޗުގައި ވެސް ދިއްދޫގެ ކުޅުންތެރިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ދިއްދޫގެ ތިންވަނަ މެޗުގައި އެޓީމު ނުކުތީ އަލަށް ދިވެހި ލީގަށް ޕްރޮމޯޓުވި ބިސްބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗުން ދިއްދޫ ބަލިވީ 0-1 އިންނެވެ.

މިހާތަނަށް ކުޅުނު ހަތަރު މެޗުން ދިއްދޫއަށް ޖުމްލަ ހަތަރު ޕޮއިންޓު ލިބިފައިވާއިރު ތާވަލުގައި ދިއްދޫ އޮތީ ހަތްވަނައިގައެވެ.