ޚަބަރު

އެމްއެމްޕީއާރުސީގެ ފައިސާތަކެއް ޖަމާކުރި ކުންފުންޏަކަށް ދަޢުވާކުރަން ފޮނުވައިފި


  • އެކުންފުންޏަށް ކުރީގެ ނައިބު ރައީސް އަދީބު މެދުވެރިވެ ދެ ޗެކަކުން ފައިސާ ޖަމާކުރި

  • ކުށްކޮށްގެން ހޯދިފައިސާ ކަމަށް ޝައްކުކުރެވޭ ހާލަތު އޮވެމެ ފައިސާ ބޭނުންކުރި

އެމްއެމްޕީއާރްސީ ކޮރަޕްޝަން މައްސަލައިގަ ހިމެނޭ ކުންފުންޏެއް ކަމަށްވާ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) ނިންމައިފިއެވެ. މިމައްސަލައިގެ ތަހުޤީޤު ކުރިއަށްގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެންނެވެ.

އޭސީސީ އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ތަހުޤީޤުގެ ނިންމުމަށް ފަހު ދައުވާކޮށްދިނުމަށް މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ މަނީ ލޯންޑްރިންގ ކުށުގެ ދައުވާގައެވެ. މި މައްސަލައިގަ ދައުވާކޮށްދިނުމަށް އެދި ފޮނުވަން ނިންމީ، އާދީއްތަ ދުވަހުއެވެ.

އޭސީސީން ވިދާޅުވީ މި މައްސަލައިގެ ތަޙުޤީޤުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން ގިނަ ޢަދަދެއްގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓުގެ ދެ ޗެކަކުން، ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިކޮށް މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ. އަދި އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް އެދުވަސްވަރު މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ހިންގުމުގައި އިސްކޮށް އުޅުނު ފަރާތަށް ޝައްކުކުރެވޭނެ ހާލަތެއް އޮއްވައި، އެ ފައިސާ މޮންޓިލިއަންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްފައިވާކަން ވެސް ތަޙުޤީޤަށް ވަނީ ފާހަގަކުރެވުނު ކަމަށެވެ.

މިމައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ މަނީލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާއާއި އެ ޤާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ކަމަށް އެސީސީން ވިދާޅުވިއެވެ. އަދި އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ 150,000.00 ޑޮލަރު (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ވާނީ ނިންމާވައިވާ ކަމަށް އޭސީސީން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައިވެއެވެ.