ޒަޔަނިޒަމްއަކީ ޔަހޫދީންގެ ދަަުލަތެއް ޤާއިމްކޮށް ދެމެހެއްޓުމުގެ ފިކުރެއް ކަމަށާއި، އެ ފިކުރަކީ ނަސްލީ ތަފާތުކުރުމުގެ ވައްތަރެއް ކަމުގައި އިންގްލެންޑްއާއި ވޭލްސްގެ ގްރީން ޕާޓީއިން ނިންމައިފިއެވެ. އެ ނިންމުމުގެ ސަބަބުން ޔަހޫދީން ވަނީ އެ ޕާޓީގެ ލީޑަަރު ޒެކް ޕޮލަންސްކީ ޔަހޫދީ ދަުއުލަތަށް އެރުން މަނާކޮށްފައެވެ.
އޮކްޓޯބަރު މަހުގެ 4ވަނަ ދުވަހު ބަރައިޓަންގައި ބޭއްވި ގްރީން ޕާޓީގެ މަހާސިންތާގައި ޒަޔަނިޒަމްގެ ސަބަބުން ފަލަސްޠީނުގެ ބިންތަކުގައި ހަމައެކަނި ފަލަސްޠީނުގެ ދިމުގުރާތީ ދައުލަތެއް އޮތުމަށް ހުރަސް އެޅޭ ކަމަށް ބަޔާންކޮށް ގްރީން ޕާޓީއިން ވަނީ ޤަރާރެއް ފާސްކޮށްފައެވެ. ވޯޓުގައި ބައިވެރިވި 1،022 މަންދޫބުން ޒަޔަނިޒަމްއާ ދެކޮޅަށް ވޯޓު ދީފައި ވާއިރު، އެއްކޮޅަށް ވޯޓު ދީފައި ވަނީ 813 މަންދޫބުންނެވެ. އެއާއެކު އެ ޕާޓީގެ ސިޔާސަތަކީ ޒަޔަނިޒަމްއާ ދެކޮޅު ސިޔާސަތެއް ކަމަށް ވަނީ ރަސްމީކޮށް ކަނޑައަޅައިފައެވެ.
ގްރީން ޕާޓީއިން ފާސްކުރި ސިޔާސަތުގައި ބުނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިހާނެތިކޮށް ހިތައި، އެ މީހުންގެ ގެދޮރު ގެއްލުވާލައި މުދާ ފޭރިގަނެ، އެ މީހުންގެ ހައްޤުތައް ނިގުޅައިގަނެ ނަސްލުހޭދުކުރުމަށް ޒަމާނުންސުރެ ކުރަމުންދާ މަސައްކަތަކީ ޒަޔަނިޒަމްގެ ނަތީޖާ ކަމަށެވެ.
ގްރީން ޕާޓީއިން ނެގި ވޯޓުން ޒަޔަނިޒަމްގެ މައްސަލައިގައި ޕާޓީތެރޭގައި އޮތް ޚިޔާލު ތަފާތުވުންތައް ވެސް ވަނީ ހާމަވެފައެވެ. އެ ގޮތުން ޤާނޫނުހަދާ މަޖިލީހުގައި ޕާޓީ ތަމްސީލުކުރާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަނީ އެ ސިޔާސަތަށް ފާޅުގައި ދެކޮޅު ހައްދަވައިފައެވެ. ނަމަވެސް ޕާޓީގެ ނައިބު ލީޑަރު، މަތީން ޢަލީ ވަނީ އެ ހުށަހެޅުމަށް ތާޢީދު ކުރައްވައިފައެވެ.
ވޯޓުގެ ކުރިން ޤަރާރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޕޮލަންސްކީ ވިދާޅުވީ ޒަޔަނިޒަމްއަކީ ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު ގެއްލުން ކަމަށްވާ ނަމަ އެއީ ނަސްލީ ތަފާތުކުރުން ކަން ސާފުވާ ކަމަށެވެ. އޭނާ އެހެން ވިދާޅުވަނީ އިނގިރޭސިވިލާތުގެ ސިޔާސީ ޕާޓީއެއްގެ ޔަހޫދީ ލީޑަރެއްގެ ހައިސިއްޔަތުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ޤަރާރާ ގުޅޭ ގޮތުން ނެގި ވޯޓުގައި ޕޮލޮންސްކީ ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ވޯޓުލީ ދުވަހު، ބައި-އިލެކްޝަންއެއްގެ ކެންޕޭނަށް ވަޑައިގަތުމަށް އޭނާ ވަނީ ވޯޓުގެ ކުރިން އެ މަހާސިންތާ ދޫކުރައްވާ ވަޑައިގެންފައެވެ. މެންބަރުން ފާސްކުރި ޤަރާރަށް ތާއީދު ކުރައްވާ ކަމަށް ނުވަތަ ނޫން ކަމަށް ވެސް ޕޮލަންސްކީ ވިދާޅިވެފައެއް ނުވެއެވެ. ނަމަވެސް ޤަރާރު ފާސްކުރުމުން ޕާޓީއަށް ނިސްބަތްވާ 5 މަޖިލީސް މެންބަރުންނާއި ނައިބު ލީޑަރުން އެކުގައި ނެރުއްވި ބަޔާނެއްގައި އޭނާގެ ނަން ހިމަނުއްވާފައިވެއެވެ. އެ ބަޔާނުގައި ބުނީ ގްރީން ޕާޓީއަކީ ނަސްލީ ތަފާތުކުރުންތަކާ ހުރިހާ ގޮތަކުން ވެސް ދެކޮޅު ޕާޓީއެއް ކަމަށެވެ.