ޚަބަރު

ވަޒީރު ރާފިއު، ޕެރަ ގޭމްސްގައި ވާދަކުރާ ޤައުމީ ޓީމާއި ބައްދަލުކުރައްވައިފި


  • 5 ވަނަ އޭޝިއަން ޕެރަ ގޭމްސް ކުރިއަށްދާނީ މިމަހުގެ 18 އިން 24 އަށް ޖަޕާނުގައި

  • ޤައުމީ ދިދަ އުފުލާނީ ފާޠިމަތު އިބްރާހީމް އަދި ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު

5 ވަނަ އޭޝިއަން ޕެރާ ގޭމްސް 2026 ގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޕެރަ އެތުލީޓުންނަށް ޖަރޒީ ހަވާލުކޮށް، ގޭމްސްގައި ޤައުމީ ދިދަ އުފުލާނެ އެތުލީޓުންނާ ދިދަ ހަވާލުކުރުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު ވަނީ އެތުލީޓުންނާ ބައްދަލުކުރައްވައި، މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އެދިވަޑައިގެން ހިތްވަރު ދެއްވާފައެވެ.

މި ފަހަރުގެ އޭޝިއަން ޕެރާ ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ އުފުލުމުގެ ޝަރަފު ލިބިގެން ގޮސްފައިވަނީ ފާޠިމަތު އިބްރާހީމް އަދި ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދަށެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ރުމީކޯ އިޝިގާމީ އެވެ. މީގެއިތުރުން ޖަޕާން އެމްބަސީގެ އިސް ބޭފުޅުންނާއި، ޔޫތު މިނިސްޓްރީގެ އިސްވެރިންގެ އިތުރުން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ އިސް ވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

5 ވަނަ އޭޝިއަން ޕެރަ ގޭމްސް ކުރިއަށްދާނީ މިމަހުގެ 18 އިން 24 އަށް ޖަޕާނުގެ އައިޗީ ނަގޯޔާގައެވެ. މިމުބާރާތުގައި ވާދަކުރާ އެތުލީޓުންނަކީ ޢަބްދުﷲ އަޔާން އަސްގަރާއި، ޢަބްދުއްރައްޒާޤް ޢަބްދުއްޞަމަދުގެ އިތުރުން ފާތިމަތު އިބްރާހިމްއެވެ.