އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ރަސްމީ ބޯޅަ ޚުޒާމާ ދައްކާލައިފި އެވެ.
ޖެނުއަރީ މަހުގެ ހަތަކުން ފެބްރުއަރީ މަހުގެ ފަހަކަށް ސައޫދީ އަރަބިއާގައި ބާއްވާ އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ރަސްމީ ބޯޅައިގެ ކުލައަކީ ދަނބު ކުލަ އެވެ. މި ބޯޅަ އަށް ދީފައިވާ ޚުޒާމާގެ މިނަމަކީ ސައޫދީ އަރަބިއާއިން އާއްމުކޮށް މެހުމާނުންނަށް މަރުހަބާ ކިއުމަށް ބޭނުންކުރާ ލެވެންޑާ މަލުގެ ވަހާއި، އޭގެ ހިތްގައުމު ކަމަށާއި ކުލައަށް ވިސްނައިގެން ސައޫދީގެ ސަގާފަތާއި އާދާކަދަ އާއި މަސައްކަތްތެރިކަން ވެސް ދައްކުވައިދޭ ގޮތަށް ތައްޔާރު ކޮށްފައިވާ ބޯޅައެކެވެ. މި ބޯޅަ ތައްޔާރު ކޮށްފައިވާ ކުޅިވަރު ސާމާނު ތައްޔާރު ކުރުމުގައި މަޝްހޫރު ކުންފުނި ކެލްމޭއިންނެވެ.
އެ ކުންފުނީގެ ޗެއާމަން ކެ ޔޮންގްޒިއާން ވިދާޅުވީ ބޯޅަ ތައްޔާރު ކޮށްފައިވަނީ ސައޫދީގައި ލެވެންޑާގެ މަގުބޫލުކަމާއި ބޭނުންކުރާ ގޮތްތަކަށް ވެސް ބެލުމަށްފަހު އޭގެ ކުލަ އާއި ދުވާލާއި ރޭގަނޑު ވެސް ބޯޅައިގެ ކުލަ ބަދަލުނުވެ އަދި ކުލައިގެ ސަބަބުން ކުޅުންތެރިންނަށް ވެސް އުނދަގޫ ނުވާނެ ގޮތަށާއި ސައޫދީ ވަންތަކަން ޗެސް ދައްކުވައިދޭ ގޮތަށް ކަމަށާއި ވިދިވިދިގެން ދެ ވަނަ ފަހަރަށް އޭޝިއަން ކަޕުގެ ބޯޅަ ތައްޔާރު ކުރަން ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާ ކުރާ ކަމަށެވެ.
އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ)ގެ ޖެނެރަލް ސެކްރެޓަރީ ދާތުކް ސެރީ ވިންޑްސާ ވިދާޅުވީ މުބާރާތް ފަށަން 100 ދުވަހަށްވުރެ މަދުވެފައިވާއިރު މި ބޯޅަ ދައްކާލުމަކީ ސައޫދީން މުބާރާތަށް ވަމުންދާ ތައްޔާރީތަކުގެ މުހިންމު ހިސާބަކަށް ދެވުން ކަމަށެވެ.
މި ފަހަރުގެ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގައި އޭޝިއާގެ 24 ގައުމަކުން ވާދަ ކުރާނެ އެވެ. މިއީ މުބާރާތުގައި މިހާ ގިނަ ގައުމު ބައިވެރިކޮށްގެން ކުޅޭ ފުރަތަމަ ފަހަރެވެ. ސައޫދީ އަރަބިއާއިން މި މުބާރާތް ބާއްވާނީ އެ ގައުމުގެ ހަތަރު ސިޓީއެއްގަ އެވެ. އެއީ ވެރިރަށް ރިޔާދާއި ޖިއްދާ އާއޮ ދައްމާމް އަދި އަލް ޚޮބާރުގަ އެވެ.
ސައޫދީ އަރަބިއާއިން މި މުބާރާތް ބާއްވަނީ 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވަން އެ ގައުމަށް ފުރުސަތު ލިބިފައިވާތީވެ އެކަމަށް ވެސް ތައްޔާރުވުމުގެ ގޮތުންނެވެ.