ޚަބަރު

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު މެލޭޝިއާގައި އެސްއެސްސީ އިމްތިޙާން ކުރިއަށްގެންގޮސްފި


  • މި އިމްތިޙާން ފުރަތަމަ ފަހަރު މެލޭޝިއާގައި ބޭއްވީ 2022 ގައި

  • ސްރީލަންކާގައިވެސް އެސްއެސްސީ އިމްތިޙާން ބާއްވާފައިވޭ

3 އަހަރުގެ މެދުކެނޑުމަކަށްފަހު ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އެގްޒަމިނޭޝަން، އެސްއެސްސީ އިމްތިޙާނު މެލޭޝިއާގައި ކުރިއަށް ގެންގޮސްފިއެވެ.

މި އިމްތިޙާން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 20އިން 24 އަށް މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ދަށުން ޤާއިމްކޮށްފައިވާ 'މޯލްޑިވްސް ކަލްޗަރަލް ސެންޓަރ' އާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން ގުޅިގެންނެވެ.

މި ސެންޓަރަކީ 2022 އިންފެށިގެން އެސްއެސްސީ އިމްތިޙާން ބޭއްވުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ހުއްދަ ދީފައިވާ ސެންޓަރެކެވެ. މި އިމްތިޙާން ފުރަތަމަ ފަހަރު މެލޭޝިއާގައި ބޭއްވީ 2022 ގައެވެ. އެއަށްފަހު އިމްތިޙާން ބޭއްވުން މެދުކެނޑުމަށްފަހު މިއަހަރު މިވަނީ އަލުން ފެށިފައެވެ.

މި އިމްތިޙާން މެލޭޝިއާގައި އަލުން ބާއްވަން ސަރުކާރުން ނިންމެވީ ތަޢުލީމާބެހޭ ވުޒާރާއިން ރާއްޖޭއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން އޮންލައިން 'ރިވެލި ކްލާސް' ގެ ނަމުގައި 2024 އިން ފެށިގެން ހިންގާ ކްލާސްތަކުގައި މެލޭޝިއާއިން ދިވެހި އަދި އިސްލާމް މާއްދާ ކިޔަވާ ދަރިވަރުން މާލެ ނުގޮސް މެލޭޝިއާގައި މި އިމްތިޙާން ހެދޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުންނެވެ.

މެލޭޝިޔާގެ އިތުރުން ސްރީލަންކާގައިވެސް އެސްއެސްސީ އިމްތިޙާން ކުރިއަށްގެންގޮސްފައިވެއެވެ. މިގޮތުން މިއަހަރުގެ އޮކްޓޫބަރ ނޮވްމެބަރު އިމްތިޙާނުގައި 17 ކުދިން ބައިވެރިވެފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ އިސްލާމް މާއްދާ ހެދި 9 ކުދިންނާއި ދިވެހި މާއްދާ ހެދި 8 ކުދިންނެވެ. މި އިމްތިޙާން ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 20އިން 23 އަަށެވެ. ސްރީލަންކާގައި އެސްއެސްސީ އިމްތިޙާން ފުރަތަމަ ހަދަން ފަށާފައިވަނީ 2016 ވަނަ އަހަރުގައެވެ.

ދިވެހި ބަހަކީ ދިވެހީންގެ އެންމެ ޒަމާންވީ އެއް ތަރިކަ ކަމަށްވާއިރު ދިވެހިބަސް އާލާކޮށް ދިރުވުމުގެ ގޮތުން ސަރުކާރުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިފަދަ އިމްތިހާން ތަކުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ މުހިންމު ކަމެކެވެ. ސްރީލަންކާއި މެލޭޝިޔާއަކީ ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ދެ ޤައުމެވެ.