ޚަބަރު

ތަޙުޤީޤީ އަދި އޮޕަރޭޝަނަލް ޚިދުމަތްތަކަށް އަންހެން ފުލުހުން ނިކުތުމަށް ސީޕީ ގޮވާލައްވައިފި


  • ލީޑަޝިޕްގެ މަޤާމުތަކަށް އަންހެން ފުލުހުން ނިކުތުމަށް ބާރުއެޅުއްވި

  • ތަޙުޤީޤީ އަދި އޮޕަރޭޝަން ފުރުޞަތުތައް ހުޅުވިފައިވާކަން ސީޕީ ފާހަގަކުރެއްވި

ތަޙުޤީޤީ އަދި އޮޕަރޭޝަނަލް ޚިދުމަތްތަކަށް އަމިއްލަ އިސްނެގުމުގައި އަންހެން ފުލުހުން ކެރިގެން ނިކުތުމަށް ކޮމިޝަނަރ އޮޕް ޕޮލިސް އަޙުމަދު މުޙައްމަދު ގޮވާލައްވައިފިއެވެ.

ސީޕީ ވިދާޅުވީ، ފުލުހުންގެ ތަޙުޤީޤީ މަސައްކަތަކުގައި، ފިރިހެން ފުލުހުންނަށް ނުވިސްނޭ އެކި ތަފާތު ނަޒަރިއްޔާތަކުން ވިސްނުމުގެ ޤާބިލުކަން އަންހެން ފުލުހުންގެ ހުރިކަމަށެވެ.

ވިމަން އިން ޕޮލިސިންގ ހަރަކާތަށް 4 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އެންމެ ފުރަތަމަ 10 އަންހެން ފުލުހުންނާއެކު ފެށި ޚިދުމަތުގައި، މިހާރު 1300އަށްވުރެ ގިނަ އަންހެން ފުލުހުން އެބަތިބިކަމަށެވެ.

ފުރުޞަތުތައް ހޯދައިދީ ކުރިއަށްދިއުމުގައި ހަމަހަމަ ފުރުޞަތު، އަންހެން ފުލުހުންނަށްވެސް ފުލުހުންގެ އިދާރާގައި އޮތްކަމަށް ސީޕީ ވިދާޅުވިއެވެ. އެގޮތުން ރެކްރޫޓްކުރުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދައިދޭ ތަމްރީންގެ ފުރުޞަތުގައިވެސް ގިނަ އަދަދަކަށް އަންހެން ފުރުލުހުން ބައިވެރިވާކަން ސީޕީ ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ޚިދުމަތުގައި މިހާރަށްވުރެ ބޮޑަށް ލީޑަޝިޕްގައި އަންހެން ފުލުހުންގެ ދައުރު ފެންނަން ބޭނުންވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މަސައްކަތުގެ މައިދާނުގައި މިކަމަށް ޝައުގުވެރިކަން ފާޅުކޮށް، ފުލުހުންގެ އިދާރާގައި ހުރި ފުރުޞަތުތަކަށް ކުރިމަތިލާ ކުރީ ސަފަށް ނިކުތުމަށް ގޮވާލެއްވިއެވެ.

"ކުރިއަށް ނުކުތުމުގައި އަމިއްލަ ޝައުގުވެރިކަމާއެކު ނިކުންނަންޖެހޭ. އިންވެސްޓިގޭޝަންގެ މަސައްކަތުގައިވެސް، އަންހެން ފުލުހުން ތަފާތު ނަޒަރިއްޔާތައް ގެނެސްދޭ. ފިރިހެނުންނަށް ނުވިސްނޭ އެތައް އޭންގަލްއަކުން ވިސްނާ، ޙައްލު ހޯދުމުގެ ޤާބިލުކަން ހުރޭ." ސީޕީ ވިދާޅުވިއެވެ.

ސީޕީ ވަނީ ފުލުހުންގެ ޚިދުމަތުގައި ހުރި ތަފާތު އެކި ދާއިރާތަކުން ކުރިއަށްގެންދިއުމުގެ އަޒުމު ކަނޑައެޅުމަށް ގޮވާލައްވާފައެވެ.

މީގެތުރުން ޚިދުމަތުގައި އުޅޭއިރު، ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ތައްޔާރުވެ، ކޮންމެ ހާލަތަކާއި ކުރިމަތިލާން ތައްޔާރަށް ތިބި ފުލުހަކަށް ކޮންމެ އަންހެން ފުލުހަކު ވުމަށްވެސް ގޮވާލެއްވިއެވެ.