ޚަބަރު

"ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ހުރިހާ މުވައްޒަފުންނަށް ލިބެން"


  • މުސާރަ މުރާޖައާކުރާއިރު މައްސަލަތައް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވި

ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް މުރާޖައާކުރާއިރު، އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މުސާރަ ކުޑަނުވާނެ ގޮތަށް މުސާރަތައް ކަނޑައެޅުއްވުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި ބައިވެރިވި އާއްމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެެވެ.

ރައްޔިތުންގެ އަޑު ސިލްސިލާ ޕްރޮގްރާމްގެ 6 ވަނަ އެޕިސޯޑްގައި ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވަނީ މުސާރައިގެ އައު އޮނިގަނޑަށް އަމަލުކުރަން ފެށިނަމަވެސް ބައެއް މީހުން އެ އޮނިގަނޑަށް ނުފެތޭކަން ފާހަގަކޮށްފައެވެ. މި ކަންބޮޑުވުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް ޢަމަލުކުރަން ފެށި ޕޭ ފްރޭމްވޯކުގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުވާނެކަމަށް ވަޢުދުވެވަޑައިގެންނެވިކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެކަމަށް ޕޭކޮމިޝަނަށްވެސް އެންގެވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ ސަރުކާރުން ބޭނުން ވަނީ ހުރިހާ މުވައްޒަފުންނަށްވެސް ގެއަށް ގެންދަން ލިބޭއެއްޗެެއް ކުރިއަށްވުރެ ބޮޑުވަންކަން ފާހަގަކުރައްވާފައެވެ.

"ބޭނުންވަނީ ހުރިހާ މުވައްޒަފުންނަށްވެސް ގެއަށް ގެންދަން ލިބޭއެއްޗެެއް ކުރިއަށްވުރެ ބޮޑުވަން. އެގޮތަށް ހައްލުނުވެ ތިބި ހުރިހާ އެންމެނަށް އެކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރާނަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އަޑު އިވުމުން މަހުރޫމްވެފައިތިބި ދެމަފިރިންވެސް ވަނީ އެމީހުންނަށް ދިމާވާ ތަކުލީފުތައް ރައީސުލްޖުމްހޫރިއްޔާއަށް ހިއްސާ ކުރައްވާފައެވެ. އޭގެ ތެރޭގައި އަލިފާނުގެ ހާދިސާ ފަދަ ނުރައްކާތެރި ހާދިސާއެއް އެމީހުން ދިރިއުޅޭ އިމާރާތުގައި ހިނގި ނަމަވެސް އަޑު އިވުމުން މަހުރޫމްވެފައި ތިބުމުން އެކަންކަން ދެނަގަތުމަށް އުނދަގޫވާކަން ފާހަގަކުރިއެވެ. އަދި ސްކޫލްގައިވެސް މުދައްރިސުންނަށް މުޢާމަލާތް ކުރުމަށް ދަތިވާކަން ފާހަގަކުރިއެވެ.

މިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ މި ސަރުކާރުން ތަރައްޤީކުރާ ފްލެޓްތަކުގައި އެމަޖެންސީ ހާލަަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަތަކަށް އެނގޭނެ ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމަށެވެ. އަދި ސްކޫލްގައިވެސް އެކްސެސްބިލިޓީ ރަނގަޅުކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ސްކޫލްގައާއި ދިރިއުޅޭ މާހައުލުގައި އެކްސެސްބިލިޓީ ޤާއިމްކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައިވެސް އެކި ފަރާތްތަކުން ވަނީ އެ މީހުންގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ. އަދި އެ ކަންބޮޑުވުންތައް އަޑުއައްސަވާ ރައީސް ވަނީ އެކަންކަން ބައްލަވާނެކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަ ދެއްކުމުގެ ފުރުޞަތު މިޕްރޮގްރާމުގެ ތެރެއިން ފަހިވެގެންދާނެއެވެ. ވަކިވަކި ރައްޔިތުންގެ ކަންބޮޑުވުން ޙިއްސާކުރެވޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި އިތުރު 8 ދާއިރާއަކުން ބައިވެރިވެވޭގޮތަށް މިހާރު ވަނީ ހުޅުވާލާފައެވެ.

މި ސިލްސިލާގައި ވަކިވަކި ދާއިރާތަކަށް ނިސްބަތްވާ ގޮތަށް ބައިވެރިވުމަށް ދަނީ ހުޅުވާލަމުންނެވެ. މިފަހަރު ހުޅުވާލާފައިވަނީ ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، ބާރަށު ދާއިރާ، ކާށިދޫ ދާއިރާ، މަތިވެރި ދާއިރާ، ވިލިނގިލި ދާއިރާ، ހުޅުމާލެ ދެކުނު ދާއިރާ، އަދި ގަލޮޅު އުތުރު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.