ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތަފުސީލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ، ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ދެކުންފުންޏެއް އުވާލަން ނިންމާފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ފެނަކަ އުވާލައި، ފެނަކައިގެ ދަށުން ދެމުންދިޔަ ޔޫޓިލިޓީގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށުން ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. ހަމައެއާއެކު އާރުޑީސީ އުވާލައި، އެމްޓީސީސީގެ ދަށަށް އެކުންފުނިން ކުރަމުންދިޔަ މަގު ހެދުމުގެ މަސައްކަތްތައް ބަދަލުކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މިބަދަލާއެކު، ކުންފުނިތަކުން މުވައްޒަފުން މަދުކުރެވި، ކުންފުނިތައް ރައިޓް ސައިޒްކުރެވި އިސްރާފުވެގެންދާ ޚަރަދު ކުޑަކުރެވޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރީ ސަރުކާރުތަކުން ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް މުވައްޒަފުން ނެގުމުގެ ސަބަބުން ކުންފުނިތަކުގެ ޚަރަދު ބޮޑުވެ، ހިންގުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކުންފުނިތަކަށް ގެންނަ މިބަދަލާއެކު ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދު މަދުކުރެވޭނެ ކަމަށާއި އޭގެ ސަބަބުން ކުންފުނިތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުންފުނީގެ މަސައްކަތްތަކާއި ނުބައްދަލު މިންވަރަކަށް މުވައްޒަފުން ނެގުމުގެ ސަބަބުން ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ވަނީ ކުރިމަތިވެފައެވެ. ސިޔާސީ މަންފާއަށްޓަކައި ސަރުކާރުތަކުން އިންތިޚާބުތަކާއި ދިމާކޮށް ކުންފުނިތަކަށް މީހުން ނަގާއިރު އެފަދަ ގިނަ ވަޒީފާތަކުގައި ކުރާނެ މަސައްކަތެއްނެތި، ބޮޑެތި މުސާރަތައް ދޭން ޖެހުމުގެ ކަންބޮޑުވުން އާންމުންގެ އޮވެއެވެ.
މި މައްސަލައާއި ގުޅިގެން ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށްޓަކައި ސަރުކާރުން ވަނީ، މީގެކުރިންވެސް އެފަދަ ކުންފުނިތަކުގައި މަސައްކަތެއްނެތި ތިބި މުވައްޒަފުން ވަކިކުރުމުގެ މަސައްކަތްކޮށްފައެވެ. ސަރުކާރުން މިހާރުވަނީ، މިމަސައްކަތް އިތުރަށް ފުޅާކޮށް ބައެއް ކުންފުނިތައް އުވާލާފައެވެ.