ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ޚާއްސަ ދުވަސްތަކާއި މުނާސަބާތަކާ ގުޅިގެން އާންމުންނަށް ބޭނުންވާނެ މުހިންމު މަޢުލޫމާތުތައް ޕްރޮގްރާމްތަކާއި ޑޮކިއުމެންޓްރީތަކުގެ ސިފައިގައި ގެނެސްދިނުމަކީ ޕީއެސްއެމް ނިއުސްޓީމުގެ މުހިންމު އަމާޒެކެވެ.
މިފަހަރު ޕީއެސްއެމް ނިއުސްއިން ތައްޔާރުވަމުން މިދަނީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްސަ ޑޮކިއުމެންޓްރީއެކެވެ.
"ހިދާޔަތުގައި 9 ޤަރުނު" މި ނަމުގައި ޕީއެސްއެމް ނިއުސްއިން ގެނެސްދޭ މި ޚާއްސަ ޑޮކިއުމެންޓްރީއަކީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާ ގުޅިގެން ގެނެސްދޭ ޑޮކިއުމެންޓްރީއެކެވެ. މި ޑޮކިއުމެންޓްރީގައި ދިވެހިރާއްޖެއަށް މާތްވެގެންދާ އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަން ލިބުނުގޮތުގެ ތާރީޚީ ގިނަ ވާހަކަތަކެއް ގެނެސްދެވޭނެއެވެ.
އެދުވަސްވަރު ދިވެހީންގެ ދިރިއުޅުމުގެ ކަންކަން ހުރިގޮތާއި ތުންތުން މަތިން އައިސްފައިވާ އެކި ވާހަކަތައް މި ޑޮކިއުމެންޓްރީގައި ގެނެސްދިނުމަށް ނިއުސްޓީމުން ވަނީ މަސައްކަތްކޮށްފައެވެ.
ވަކިން ޚާއްސަކޮށް ޒަމާނުއްސުރެ ރާއްޖެ އިސްލާމްވި ގޮތްްކަމަށްބުނެ ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައިވާ "ރަންނަމާރި" ވާހަކައާގުޅޭ ޝަޢުގުވެރި ވާހަކަތަކެއް މި ޑޮކިއުމެންޓްރީގައި ހިމެނިފައިވާނެއެވެ.
ހިދާޔަތުގައި 9 ޤަރުނު - 13 ސެޕްޓެމްބަރު - 14:30 pic.twitter.com/WkAYcw5wj4
— PSM News (@psmnewsmv) September 3, 2026
މި މަޢުލޫމާތުތައް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމުގައި ތާރީޚީގޮތުން އެނގެންހުރި މަޢުލޫމާތުތަކުގެ އިތުރުން އިސްރަށްވެހިންގެ ދުލުން ޒަމާނުއްސުރެ ތުންތުން މަތިން އައިސްފައިވާ މުހިންމު ވާހަކަތައް ނިއުސްޓީމުން ގެނެސްދޭނެއެވެ.
ދިވެހިރާއްޖެ އެބޭފުޅެއްގެ އަތްޕުޅަށް އިސްލާމްވިކަމަށް ބުނާ ބޭފުޅާ ދަތުރުކުރެއްވި ރ. އަލިފުއްޓާއި، ބ. ކެންދޫއިން ފެންނަންހުރި އާސާރުތަކުގެ ތަފްސީލުވެސް މި ޑޮކިއުމެންޓްރީގައި ގެނެސްދެވޭނެއެވެ.
ތާރީޚު ޢިލްމުވެރިޔާ ޙަސަން ތާޖުއްދީނު ލިޔުއްވާފައިވާ ގޮތުން މީލާދީ ގޮތުން 1153 ވަނަ އަހަރުގެ ކުރިން ދިވެހިން ތަބާވަމުން އައީ ބުދު ދީނަށެވެ. ނަމަވެސް 1153 ވަނަ އަހަރު، ހިޖުރީ ގޮތުން 548 ވަނަ އަހަރު ރާއްޖެއަށް ވަޑައިގަތް މަޣްރިބުކަރައިގެ އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ ނަމަކަށްކިޔާ ބޭކަލަކު، ރަދުންނަށް އިސްލާމް ދީންނަށް ދަޢުވަތުދެއްވިއެވެ.
ރާއްޖެ އިސްލާމްވި ދުވަހަކީ އޭރު ދިވެހި ތަޚުތުގައި އިންނެވި ސިރީ ތުރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމް ދީން ޤަބޫލުކުރައްވައި ރައްޔިތުންވެސް އެ ދީން ޤަބޫލުކުރުމަށް އެންގެވި ދުވަހެވެ. އިސްލާމްވެވަޑައިގަތުމަށްފަހު ރަދުން ޚިޔާރުކުރެއްވި ނަންފުޅަކީ އައްސުލްޠާނު މުޙައްމަދު އިބްނު ޢަބްދުﷲއެވެ. މިއީ މަޝްހޫރު ދަރުމަވަންތަ ރަސްގެފާނެވެ.
ރާއްޖެ އިސްލާމްވި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ ހިޖުރީގޮތުން 1374ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2ވަނަ ދުވަހުއެވެ. އެއީ މީލާދީން 1954ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން މެދުކެނޑުމަކަށްފަހު 2002 ވަނަ އަހަރު މި ދުވަސް އަނެއްކާވެސް ފާހަގަކުރަން ފެށިއެވެ.
މި ދުވަސް ކޮންމެ އަހަރެއްގެ ރަބީޢުލްއާޙިރު މަހުގެ 2 ވަނަ ދުވަހު ފާހަގަކުރަމުންއަންނައިރު، ހިޖުރީގޮތުން ފާހަގަކުރާ އެ ދުވަހަކީ ރާއްޖެ އިސްލާމްވި ދުވަސްކަމުގައި ޙަސަން ތާޖުއްދީން ލިޔުއްވާފައިވެއެވެ. މިއަހަރު މި ފާހަގަކުރަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބާއެވެ.
ރާއްޖެ އިސްލާމްވި ދުވަހަށް ޚާއްސަކޮށްގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭން ތައްޔާރުވާ މި ޑޮކިއުމެންޓްރީއަކީ މިހާރުގެ ޖީލަށާއި އަންނަން އޮތް ޖީލަށްވެސް ބޭނުންވާނެ މުހިންމު ކަންތައްތަކެއް ތާރީޚީގޮތުން ލިބެންހުރި ހެކިތަކާއި މަޢުލޫމާތުތަކަށް ބިނާކޮށް ގެނެސްދޭ މުހިންމު މަސައްކަތެކެވެ.