ޚަބަރު

ޑިފެންސް މިނިސްޓްރީން "މަކުޑި" ސޮފްޓްވެއަރ އިފްތިތާޙުކޮށްފި


ރާއްޖެއަށް ކެމިކަލް އެތެރެކުރުމުގައި ޑިފެންސް މިނިސްޓްރީން ކުރައްވާ މަސައްކަތްތައް ހަރުދަނާކުރެއްވުމުގެ ގޮތުން "މަކުޑި" މިނަމުގައި ޚާއްސަ ސޮފްޓްވެއަރއެއް އިފްތިތާޙު ކުރައްވައިފިއެވެ. ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު މިއަދު އިފްތިތާޙްކޮށްދެއްވި މަކުޑި ސޮފްޓްވެއަރގެ ތެރެއިން، ނޭޝަނަލް ކެމިކަލް ޑޭޓަރބޭސްއެއް ޤާއިމްކުރެވިގެންދާނެކަމަށް ޑިފެންސް މިނިސްޓްރީން ހާމަކުރައްވައެވެ.

ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނުގައި ވާގޮތުން ކެމިކަލް ފަދަތަކެތި އެތެރެކުރެވޭނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޚާއްސަ ހުއްދައެއް ލިއުމަކުން ލިބިގެނެވެ. އެމިނިސްޓްރީން ދެއްވާ ހުއްދައާއެކު، އެކި ބޭނުންތަކަށް ރާއްޖެއަށް ކެމިކަލް އެތެރެކުރުމަށް ތަފާތު ތިން ވުޒާރާއަކުން ހުއްދަ ހޯދަންޖެހެއެވެ. މެނުއަލް ސިސްޓަމެއްގެ ތެރެއިން ކުރައްވާ މިމަސައްކަތް އިތުރަށް ހަރުދަނާ ކުރެއްވުމަށް  ޑިފެންސް މިނިސްޓްރީން އެން.ސީ.އައި.ޓީއާ ހަވާލުކުރައްވައިގެން މިހާރުމިވަނީ ކެމިކަލް އެތެރެކުރުމުގެ ހުއްދަދެވޭ ސިސްޓަމެއް ގާއިމްކުރައްވާފައެވެ. މަކުޑި ސޮފްޓްވެއަރ ރަސްމީކޮށް އިފްތިތާޙްކުރެއްވީ އެކަމަށްޓަކައި ކޯސްޓްގާޑް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރުއެވެ. 

img:http://s3.psmnews.mv/images/660x400/14780775340102.jpg|ޑިފެންސް މިނިސްޓަރ މަކުޑި ސޮފްޓްވެއަރ އިފްތިތާޙުކޮށްދެއްވަނީ / ފޮޓޯ: ޕީއެސްއެމް

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ މަދު ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދީ ހިންގުމުގެ ދާއިރާ ހަރުދަނާކުރެއްވުންކަމަށެވެ. އަދި ނުރައްކާތެރި ކެމިކަލްތައް ރައްކާ ކޮށްފަ ހުންނަ ގުދަންތައް ރައްކާތެރިކުރެވި ކެމިކަލް އެތެރެކުރާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު އެއްތަނަކުން ހިދުމަތްލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލްތަކަކީ ކޮބައިކަން ދެނެގަނެ ތިމާވެއްޓަށް އެކަމުން ލިބިދާނެ ގެއްލުންތައް ބައްލަވައި ދިރާސާ ކުރައްވަނީ އެންވަރަންމަންޓް މިނިސްޓްރީންނެވެ. މިރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވީ، މުއްދަތު ހަމަވެފައި ހުންނަ ކެމިކަލް ވޭސްޓްތައް ނައްތާލުމަށް ޑިފެންސް މިނިސްޓްރީއާއާއެކު މަޝްވަރާކުރައްވަމުން ގެންދަވާކަމަށާއި، މަކުޑި ސޮޕްޓްވެއަރ މެދުވެރިކޮށް އެކަމަށްވެސް ހައްލެއް ހޯދުމަށް ދެވުޒާރާގުޅިގެން މަސައްކަތްކުރައްވާނެކަމަށެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް ހިންގެވުމާއި ހަވާލުވެހުންނެވި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އަޝްމަލީ ވިދާޅުވީ، ރާއްޖޭގައި ލިބެން ހުންނަ ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް އެން.ސީ.އައިޓީން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މަކުޑި ސޮފްޓްވެއަރގެ އެހީގައި ކެމިކަލް އެތެރެކުރުމުގެ ކަންކަން ހަރުދަނާވެގެން ދިއުމަކީ، އޭގެ ސަބަބުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުގެ އިތުބާރު ލިބިގެންދާނެ ކަމެއްކަމުގައި ވިދާޅުވިއެވެ.

2014 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް އެކި ބޭނުންތަކަށް 4015 ހުއްދަ ކެމިކަލް އެތެރެކުރުމަށް ދީފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.