ވިލާތުގައި އާދަޔާޚިލާފަށް ހޫނުގަދަވެ، އެ ބައްރުގައި ދިރިއުޅޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 94 މިލިއަން މީހުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށް ލަފާކޮށްފިއެވެ.
ވިލާތުގެ ޤައުމުތަކުގެ ތެރެއިން، އެންމެ ބޮޑަށް ހޫނުގަދަވެފައިވަނީ ފަރަންސޭސިވިލާތުގެ އިތުރުން ސްޕެއިންގައެވެ. އެ ދެ ޤައުމުގައި ހޫނުމިން ވަނީ 35 ޑިގްރީ ސެލްސިއަސަށް އަރައިފައެވެ.
މިހާރު ލިބެންހުރި އާބާދީ އަދި މޫސުމާބެހޭ ތަފާސްހިސާބުތަކުގެ އަލީގައި އޭއެފްޕީ ނޫހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ވިލާތުގެ ޤައުމުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން 350 މިލިއަން މީހުން، 30 ޑިގްރީ ސެލްސިއަސަށް ވުރެ މަތި ހޫނުމިން ތަޙައްމަލްކުރަންޖެހޭނެއެވެ.
އެއީ އެ ބައްރުގައި ދިރިއުޅޭ ޖުމްލަ އާބާދީގެ ތިން ބައި ކުޅަ ދެ ބައި މީހުން ކަމަށް އެ ނޫހުން ބުންޏެވެ.
އާންމުކޮށް ހޫނުގަދަ އެފްރިކާ އަދި އޭޝިޔާގެ ގިނަ ޤައުމުތަކާ ޚިލާފަށް، ޔޫރަޕުގެ ގިނަ ޤައުމުތަކުގައި އިމާރާތްތައް ޑިޒައިންކޮށްފައިވަނީ މިފަދަ ހޫނުގަދަ ޙާލަތަކަށް ނޫންކަމުން، ޔޫރަޕުގައި އިޙުސާސްކުރެވޭ ހޫނުމިން މަތިކަމަށް ބުނެފައިވެއެވެ.
ޔޫރަޕަށް ކުރިމަތިވެފައިވާ މި ގަދަހޫނަކީ، މޫސުމީ ބަދަލުތަކުގެ އަސަރުން ކުރިމަތިވެފައިވާ ޙާލަތެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ގަދަހޫނުގެ ސަބަބުން ވައިގެ ރައްކާތެރިކަން ވެސް ގެއްލި، އެތައް މިލިއަން މީހުން ނުރައްކަލަށް ހުށަހެޅިފައިވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފައެވެ.
ފަރަންސޭސިވިލާތުގައި އެވަރެޖު ފިނިހޫނުމިން 29.8 ޑިގްރީސް ސެލްސިއަސަށް އަރާފައިވާއިރު، މިއީ 1947ވަނަ އަހަރު ފިނިހޫނުމިނުގެ ރެކޯޑު ބަލަހައްޓަން ފެށި ފަހުން، މި މިންވަރަށް ހޫނުގަދަވި ފުރަތަމަ ފަހަރެވެ.
ސްކޫލްތަކާއި، އޮފީސްތައް އަދި ކާރުޚާނާތަކުގައި ކެތްނުކުރެވޭ މިންވަރަށް ހޫނުގަދަވުމުގެ ސަބަބުން، ސްކޫލްކުދިން އަވަހަށް ގެއަށް ފޮނުވައިލުމާއި ގޭގައި ތިބެގެން މަސައްކަތް ކުރުން ފަދަ ފިޔަވަޅުތައް އަޅަން ވަނީ މަޖުބޫރުވެފައެވެ.
އަދި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، ޓްރާންސްފޯމަރެއް ގޮވައި، 68،000 ގޭބީސީއަށް މިދިޔަ އަންގާރަ ދުވަހު ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ.
އިޓަލީވިލާތުގައި ވެސް ހޫނުފަދަވުމުގެ ސަބަބުން ގިނަ ސިޓީތަކުގައި ވަނީ އާންމުން ސަމާލުވުމަށް އެދި ރެޑް އެލަރޓް ނެރެފައެވެ.