ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މުބާރާތް ބާއްވާ އެއް ގައުމު އެމެރިކާގެ މައްޗަށް ތުރުކީން ކުރި ހޯދާ، ގްރޫޕްގެ ދެވަނަ އޮސްޓްރޭލިޔާ ހޯދައިފިއެވެ.
މުބާރާތުން ކަޓާފައި އޮތް ތުރުކީން ގްރޫޕްގެ އެއްވަނަ އެމެރިކާގެ މައްޗަށް ކުރި ހޯދީ މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑުން މޮޅުވެ، 3-2 ނެވެ. މެޗު ފެށިގޮތަށް ތިންވަނަ މިނިޓްގައި ޓްރަސްޓީ އެމެރިކާއަށް ލަނޑު ޖަހައިދީ ލީޑް ނަގައިދީފައި ވަނިކޮށް، ތުރުކީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރެއާލް މެޑްރިޑްގެ ތުރުކީ ތަރި ގުލާ އެވެ. އަދި 31 ވަނަ މިނިޓްގައި ޔިލްމާޒު ލަނޑު ޖަހާ ތުރުކީއަށް ލީޑް ނަގައިދިނެވެ. އެކަމަކު ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނިޓްގައި ބާހޯލްޓާ ލަނޑު ޖަހާ އެމެރިކާއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ގިނަ ބަދަލުތަކަކާއެކު އެމެރިކާ އިން މެޗު ފެށި ނަމަވެސް، ދެވަނަ ހާފްގައި މުހިއްމު ކުޅުންތެރިން އަރުވައިގެން މެޗުން މޮޅުވާން މަސައްކަތްކުރަމުން ދަނިކޮށް ތުރުކީން ފުރަތަމަ މޮޅު ހޯދީ އިތުރު ވަގުތުގެވެސް ފަހު ވަގުތު އެވެ. އެއީ އައިހާންގެ ލަނޑުންނެވެ. މެޗުން މޮޅުވި ނަމަވެސް ތުރުކީ ވަނީ މުބާރާތުން ކަޓާފައެވެ. އަދި މެޗުން ބަލިވިޔަސް 6 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދީ އެމެރިކާއެވެ. މެޗަށް ނިކުއިން އިރުވެސް އެމެރިކާއަށް އޮތީ އެއްވަނަ ކަށަވަރުވެފައެވެ.
މިގްރޫޕުން ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ 4 ޕޮއިންޓާއެކު އޮސްޓްރޭލިޔާއެވެ. އެއީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ޕެރަގުއޭއާ ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ ލިބުނު ޕޮއިންޓާއެކުއެވެ. މިނަތީޖާއާއެކު ޕެރަގުއާއީ އަށްވެސް 4 ޕޮއިންޓް ލިބެއެވެ. އެހެންކަމުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ އަށްދާ ޓީމްތަކުގެ ތެރޭގައި ހިމެނިގެން 32 ޓީމްގެ ތެރެއިން ޖާގަ ލިބުމުގެ ފުރުޞަތު ބޮޑެވެ. މިވަގުތު އޮތީ އެލިސްޓްގެ 4 ވަނައިގައެވެ.
ލަނޑެއް ނުޖެހި އެއްވަރުވި މެޗުގެ ފުރަތަމަ ހާފްގައި އޮސްޓްރޭލިޔާއިން ފޮނުވާލި ތިން ބޯޅައެއް ޕެރަގުއާއީ ކީޕަރު މަތަކުރިއެވެ. ފުރަތަމަ ހާފްގައި ޑިފެންސަށް އިސްކަން ދީގެން ޕެރަގުއާއީ ކުޅުނު ނަމަވެސް ދެވަނަ ހާފްގައި ކުރިއަށް ޖެހިގެން ލަނޑެއް ޖަހަން ކުރި މަސައްކަތުގައި ދެތިން ފުރުޞަތެއް ހޯދިއެވެ. ދެ ހާފްގައިވެސް އޮސްޓްރޭލިޔާއިން އެންމެ ރަނގަޅަށް ކުޅުނީ ޑިފެންޑަރ ބޯސް އެވެ.
ދެވަނަ ބުރުގައި އެމެރިކާއަށް އޮތީ ބޮސްނިޔާއާ ވާދަކުރާ މެޗެވެ.