22ވަނަ ކޮމަންވެލްތު ޓޭބަލް ޓެނިސް ޗެންޕިއަންޝިޕުގައި ޤައުމީ ޓީމަށް ލިބުނު ކާމިޔާބީއަކީ ކުރިއަށް އޮތް އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނައިރު ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށް، ޤައުމީ ޓީޓީ ޓީމުގެ މެނޭޖަރ ޢާއިޝަތު އަލީފާ ބުނެފިއެވެ.
މިއަހަރުގެ ޖުލައިމަހުގެ 27އިން އޮގަސްޓް 2އަށް އިންޑިއާގެ ދިއްލީގައި ކުރިއަށްދިޔަ ކޮމަންވެލްތު ޓޭބަލް ޓެނިސް ޗެންޕިއަންޝިޕުގައި ޤައުމީ ޓީމުންވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ޤައުމީ އަންހެން ޓީމުން ހަތްވަނަ ހޯދިއިރު، ފިރިހެން ޓީމުންވަނީ ކޮމަންވެލްތުގެ އަށްވަނަ ހޯދާފައެވެ.
އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ޓީޓީ ޓީމުން ބާއްވަމުން އަންނަ ޕްރެކްޓިސްތަކުގެ ތެރެއިން، ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އަލީފާ ބުނީ، ކޮމަންވެލްތުގެ ކާމިޔާބީއަކީ ކުރިއަށް އޮތް އޭޝިއަން ގޭމްސްއަށް ލިބޭ ހިތްވަރެއް ކަމަށެވެ. އެކާމިޔާބީއަކީ ފާހަގަކޮށްލަންޖެހޭވަރުގެ ކާމިޔާބީއަކަށްވާއިރު، އެއީ އޭޝިއަން ގޭމްސްގައި ވާދަކުރާ ޤައުމީ އެތުލީޓުންނަށް ލިބުނު އިތުރު ހިތްވަރެއްކަމަށް އަލީފާ ސިފަކުރިއެވެ.
"އަޅުގަނޑުމެންނަށް ކޮމަންވެލްތުގަ އަންހެން ޓީމު ހަތްވަނަ، އަދި ފިރިހެން ޓީމު އަށްވަނަ. މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ރޭންކިންއަށް ބަލާއިރު. ގަދަ ދިހައެއްގެ ތެރޭގައި ރާއްޖޭގެ ދެ ޓީމު ހިމެނިގެން މިދިޔައީ. އެއީ ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުންވާކަމެއް" އަލީފާ ބުންޏެވެ.
ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ޤައުމީ އެތުލީޓުން ވާދަކުރާއިރު، މެޗު ތަޖުރިބާތައް ލިބޭވަރު މަދުވުމަކީ ދިމާވާ ބޮޑު ގޮންޖެހުމެއްކަމަށް ގިނަ އެތުލީޓުންވެސް އިއްތިފާގުވެއެވެ. ރާއްޖޭގައި ޓީޓީ ކުޅޭ ކުދިން މަދުވުމާއި، ބޭރުގެ މޮޅެތި އެތުލީޓުންނާ ވާދަކޮށްލަން ލިބޭ ފުރުސަތުތައް މަދުވުމަކީ ކުޅުންތެރިންގެ ކުރިއެރުމަށް ދިމާވާ ދައްޗެއްކަމަށް ކުޅުންތެރިން ބުނާއިރު، އޭޝިއަން ގޭމްސްގެ ކުރިން، ކޮމަންވެލްތު ޓީޓީ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ކުޅުންތެރިންވަނީ ވަރުގަދަ ގިނަ މެޗުތަކެއްގައި ވާދަކޮށްފަކަމަށާ، އެ ތަޖުރިބާ އޭޝިއަން ގޭމްސްގައި ވާދަކުރާއިރު މުހިންމު ތަޖުރިބާއަކަށްވާނެކަމަށް ގަބޫލުކުރާކަމަށް އަލީފާ ބުންޏެވެ.
"އެންމެފަހުން އަޅުގަނޑުމެން ކޮމަންވެލްތަށްވެސް ގޮސް، ވަރަށް ރަނގަޅު މެޗުތަކެއް ކުޅެ، ކޮމަންވެލްތުގަ ވަރަށް ރަނގަޅު ކާމިޔާބީއެއް ލިބިފައިވަނީ. އެހެންވީމަ މިމުބާރާތަށް ދާއިރު، އަޅުގަނޑުމެންނަށް އެބަހުރި ވަރަށް ރަނގަޅު ގިނަ މެޗުތަކެއް ކުޅެވިފަ" އަލީފާ ބުންޏެވެ.
އައިޗީ - ނަގޯޔާ 2026 ގައި ވާދަކުރާ ޤައުމީ ސްކޮޑުގައި ހިމެނެނީ މުހައްމަދު ޝައްފާން އިސްމާއިލް، މޫސާ މުންސިފް އަހްމަދު، އަޚްޔާރް އަހްމަދު ޚާލިދް އަދި މުހައްމަދު ޚަލަފް ރާފިޢުއެވެ. މީގެ އިތުރުން ޤައުމީ ސްކޮޑުގައި ހިމެނޭ އަންހެން ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ، އާއިޝަތު ރަފާ ނާޒިމް، އާއިޝަތު އަލްސާ ނާޒިމްގެ އިތުރުން މިޝްކާ މުހައްމަދު އިބްރާހިމްއެވެ.
ޤައުމީ ޓީޓީ ޓީމު މުބާރާތަށް ފަރިތަކުރަމުން އަންނަނީ މިއަހަރުގެ ޖުލައި ފަހުކޮޅު ޓީމާ ގުޅުނު ނައިޖީރިއާގެ ތަޖުރިބާކާރު ކޯޗް އޮމިނިޔި އަޑެޑޮޓުންގެ އިރުޝާދުގެ ދަށުންނެވެ.