މިސަރުކާރު ހަވާލުވެ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. ވަޒީރު ވިދާޅުވީ، މިސަރުކާރު އައިރު މަސްވެރިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްވެރިންނަށް ގިނަ އަދަދެއްގެ ފައިސާ ނުދީ ހުރުން ކަމަށެވެ. އެކަން ހައްލުކުރުމުގެ ގޮތުން މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދޭން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދެވި 250 މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތް ކަމަށެވެ. އަދި 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ގިނަ ބަޔަކު ފާޑުކީ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެކަމަށް ދެއްވި ޚާއްޞަ އަހައްމިއްޔަތުކަމުގެ ދަށުން އެ ބެކްލޮގް އެއްކޮށް ހަލާސްކޮށް، 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ފައްޓަވާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށި ފަހުން މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ.
" މިފްކޯއަށް ކިރާ މަހަށް ލާރި ދެވޭނެތޯ. އެއީ، އެހާބޮޑު ބެކްލޮގެއް 250 ބިލިޔަން ރުފިޔާ މަސްވެރިންގެ ބިލުތަކަށް ފައިސާ ދެއްކޭނެތޯ. އެހެންނަމަވެސް ރައީސް ވަރަށް އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސްވެރިންނަށް ދައްކަން އޮތް ފައިސާ ދެއްކުމަށްފަހު 48 ގަޑިއިރު ތެރޭގައި މަސްވެރިންގެ ޕޭމަންޓު ދައްކަވަމުންދަނީ. 27 އޮގަސްޓު 2026ގެ ނިޔަލަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން 2.2 ބިލިޔަން ރުފިޔާ ދޫކުރެވިއްޖެ." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރިންނާއި އަދި މި ސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރި ޢާއިލާތަކުގެ އަބަދުވެސް އޮންނަ އެއް ކަންބޮޑުވުމަކީ، ބާނާ މަހަށް ޤަވާއިދުން ފައިސާ ނުލިބޭ މައްސަލައެވެ. މަސްވެރިންނަށް ޤަވާއިދުން ފައިސާ ނުލިބުމުގެ ދަތިކަމާއެކު، މީގެ ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން މަސްވެރިކަމަށް ނުކުންނަ ދިވެހިންގެ އަދަދު ދިޔައީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ. އެހެންނަމަވެސް އެކަން ބަދަލުކުރުމަށް މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވަމުންދާ އެކިއެކި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ، މަސައްކަތް ކުރައްވަމުންނެވެ.
އެގޮތުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައި، ރާއްޖޭގައި މަސް ރައްކާކުރުމުގެ ޤާބިލުކަން ދެގުނަކޮށް، ޕްރޮސެސިންގ ފެސިލިޓީތަކުގެ މަސައްކަތްތައްވެސް ދަނީ ކުރައްވަމުންނެވެ. މީގެއިތުރުން މި ސިނާއަތް ސިންދަފާތު ކުރުމަށްވެސް ސަރުކާރުން ވަނީ ޕްލޭންތައް ހަދާފައެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މަސްވެރިން ބާނާ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި އެފައިސާ މަސްވެރިންނަށް ޖަމާކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދެކެވެ.