ޚަބަރު

މައްކާ ދިފާޢީ އެއްބަސްވުމަކީ ސަރަހައްދީ ސަލާމަތާއި ގާތަށް އެޅޭ ފިޔަވަޅެއް


ތުރުކީވިލާތާއި ސަޢުދީ ޢަރަބިއްޔާއާއި ޕާކިސްތާނުން އެކުގައި ޤާއިމްކޮށްފައިވާ މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓުގެ ސަބަބުން ސަރަޙަައްދީ ސަލާމަތާއި އެއްބާރުލުން ދިނުމުގެ އައު ނިޒާމެއް ބިނާ ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހާކާން ފިދާން ވިދާޅުވެއްޖެއެވެ.

ތުރުކީވިލާތާއި ސަޢުދީ ޢަރަބިއްޔާއާއި ޕާކިސްތާނުން ގުޅިގެން ދިފާޢީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮގަސްޓު މަހުގެ 7ވަނަ ދުވަހު މައްކާގައެވެ. އެ އެއްބަސްވުމުގެ މަޤްސަދަކީ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ޤައުމުތަކުގެ މެދުގައި ދިފާޢީ އެއްބާރުލުން ދިނުން އިތުރުކޮށް، ސަރަޙައްދީ ޞުލްޙަ މަސަލަސްކަން ކުރިއެރުވުމެވެ. އެ އެއްބަސްވުމުގައި ތުރުކީވިލާތުގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންއެވެ. ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ ވަލީއަހުދު މުޙައްމަދް ބިން ސަލްމާންއެވެ. އަދި ޕާކިސްތާނުގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއެވެ.

އެ ދިފާޢީ އެއްބަސްވުމުގެ ދަށުން ޤާއިމްކޮށްފައިވާ ސްޓްރެޓީޖިކް ޕޮލިޓިކަލް އެންޑް ޑިފެންސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށް ފަހު ވާހަކަ ދައްކަވަމުން ފިދާން ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުން އިތުރުކޮށް، ވާނުވާ ނޭނގި އަނދިރިކަމެއްގެ ތެރޭގައި ތިބެންޖެހުން މަދުކޮށްދޭނެ ކަމަށެވެ.

ފިދާން އިތުރަށް ވިދާޅުވީ މައްކާ ޑިފެންސް އެލަޔަންސް ޤާއިމްކޮށްފައި ވަނީ ކުރިއަށް އޮތް ތަނުގައި އެ ޖަމާޢަތް އިތުރަށް ފުޅާ ކުރުމުގެ ޚިޔާލާ ވެސް އެކުގައި ކަމަށެވެ. ތުރުކީވިލާތުން ޤަބޫލުކުރަނީ އެ އެއްބަސްވުމުގައި އެކުލެވޭ އޮނިގަނޑަކީ ގުޅުންތައް ފުޅާ ކުރުމަށް އެޅޭ ބިންގަލެއް ކަމަށެވެ. އަލަށް ޤާއިމްކޮށްފައިވާ ކޮމިޓީއިން ސިޔާސީ އަދި ދިފާޢީ މަޤްސަދުތައް ކުރިއެރުވުމަށް މަސައްކަތް ކުރާނެއެވެ.

ނޫސްވެރިން ވަނީ ތުރުކީވިލާތަކީ ނުރައްކަލެއް ކަމަށް ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނި ބުނުމާ ގުޅޭގޮތުން ވެސް ފިދާންއާ ސުވާލުކޮށްފައެވެ. އޭނާ ވިދާޅުވީ ނަތަންޔާހޫއަކީ މުޅި އިންސާނިއްޔަތާއި ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ސަލާމަތަށް ހުރި ދުޝްމަނެއް ކަމަށެވެ. ނަތަންޔާހޫގެ އިންޒާރުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ނިޒާމުގެ ތެރެއިން މަސައްކަތް
ކުރަން ޖެހޭ ކަމަށް ވެސް ފިދާން ވިދާޅުވިއެވެ.