ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި މަޑުއްވަރީން 2 މީހަކު ހައްޔަރުކޮށްފި


  • ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 53.05 ގުރާމު

  • މި މައްސަލައިގައި 7 ގެއެއް ބަލައިފާސްކުރި

ރ. މަޑުއްވަރީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، މަޑުއްވަރީ ފުލުހުންނާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 28 ވަނަ ދުވަހުއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އޮޕަރޭޝަންގައި މަޑުއްވަރީ ހަތް ގެއެއް ބަލައިފާސްކޮށް ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އޭގެތެރެއިން ދެ މީހުން ފިޔަވައި ދެންތިބި މީހުން ދޫކޮށްލާފައިވާ ކަމަށާއި މި އޮޕަރޭޝަންގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 53.05 ގުރާމު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބޮންތި / ރ. މަޑުއްވަރި، މުޙައްމަދު މުޢިއްޒު (27އ) އާއި ތުނޑި / ރ. މަޑުއްވަރި، އާދަމް ޢާޞިމް (29އ) އެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން މުޙައްމަދު މުޢިއްޒު (27އ) 10 ދުވަހަށް އަދި އާދަމް ޢާޞިމް (29އ) 07 ދުވަހަށް ބަންދުުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.