ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް ޖިނާއީ ދައުވާ ކުރުމަށް ޔޫއޭފާއިން މަސައްކަތް ފަށައިފި އެވެ.
މި ގޮތަށް ނިންމައި މިކަމަށް ބޭނުންވާ ލިޔެކިއުންތައް ހޯދަން ފީފާ އަށް ހުށަހަޅަން ނިންމީ ޔޫއޭފާ ޗެމްޕިއަންސް ލީގުގެ ގުރުނު ނެގުމުގެ ރަސްމިއްޔާތުގެ ކުރިން މިއަދު ފްރާންސްގެ މޮނާކޯގައި ޔޫއޭފާގެ އިސްވެރިން މަޝްވަރާ ކުރުމަށްފަހު އެވެ.
ޖިނާއީ ދައުވާ ކުރަން ޔޫއޭފާއިން މަސައްކަތް ކުރާ މައިގަނޑު ސަބަބަކީ ފީފާ ވޯލްޑް ކަޕާއި ފީފާގެ އެހެން މުބާރާތްތަކުގެ ރާވައި ހިންގަން ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ ހިއްސާ ވިޔަފާރިވެރިންނަށް ދާއިމީކޮށް ދޫކޮށްލަން ނިންމި މައްސަލާގަ އެވެ. މިއީ ފީފާގެ އެއްވެސް މީހަކާ މަޝްވަރާ ނުކޮށް އަމިއްލަ އަމިއްލަ އަށް ނިންމި ނިންމުމެއް ކަމަށް އިންފަންޓީނޯ ވެސް ފަހުން ވަނީ އެއްބަސްވެފަ އެވެ.
ޔޫއޭފާއިން ބުނީ މިއީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށާއި މިކަމާ ގުޅިގެން އިންފަންޓީނޯ ފީފާގެ ރައީސް ކަމުގައި ހުންނަން އިތުބާރު ނެތް ކަމަށެވެ. ޔޫއެފާގެ މި ވިސްނުމަށް ކޮންކާކަފާއި އޭޝިޔާގެ ގިނަ ގައުމުތައް ތާއީދު ކުރެ އެވެ.
ޔޫއޭފާއިން ބުނީ އިންފަންޓީނޯއާ ދެކޮޅަށް ޖިނާއީ ދައުވާ ކުރަން އެންމެ ފަހި ފުރުސަތު ލިބެނީ ފީފާގެ މައި އިދާރާ ހުންނަ ސްވިޒަލޭންޑްގެ ގާނޫނުން ކަމަށެވެ. އަދި އެ ޖަމާއަތުން ބުނީ އިންފަންޓީނޯގެ އަމަލަކީ ފީފާގެ ތެރެއިން ޖަރީމާ ހިންގަން މަސައްކަތް ކުރުން ކަމަށެވެ. އަދި މިއީ ހިންގުމުގެ ދާއިރާގެ ދޯހަޅިކަން ފެނިގެންދާ ކަމެއް ކަމަށެވެ.
އިންފަންޓީނޯ މަސައްކަތް ކުރެއްވީ ފީފާގެ މުބާރާތްތައް ހާއްސަކޮށް ވޯލްޑްކަޕް ރާވައި ހިންގުމަށް ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް ހަދައި އެ ކުންފުނީގެ 20 ޕަސެންޓް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް ވިއްކާލުމަށެވެ. އަދި މިކަމަށް އެއްބަސްވާ ގައުމުތަކަށް އަހަރަކު 40 މިލިއަން ޑޮލަރު ދޭން ވެސް އިންފަންޓީނޯ ނިންމި އެވެ. ނަމަވެސް އޭނާގެ މި ނިންމުމަކީ ފީފާގެ އެއްވެސް މީހަކާ މަޝްވަރާ ނުކޮށް އަމިއްލަ އަށް ނިންމު ނިންމުމަކަށްވާތީވެ ގައުމުތަކުން ނުރުހުން އަމާޒުވާން ފެށުމުން އިންފަންޓީނޯ ވަނީ މައާފަށް ވެސް އެދިފަ އެވެ. ނަމަވެސް ޔޫރަޕާއި ކޮންކާކަފުން ވަނީ އޭނާގެ ވާހަކަތައް ބަލައި ނުގަންނާނެ ކަމަށާއި ދެން އިތުބާރު ނުކުރާނެ ކަމަށް ވެސް ބުނެފަ އެވެ.