ޚަބަރު

އަސްކަރީ އުޅަނދުތައް ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން ހުއްދައެއް ނުދޭނެ


އީރާނާއި ޢުމާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިންވެސް، ހުރްމުޒް ކަނޑުއޮޅިން ބޭރު ޤައުމުތަކުގެ އަސްކަރީ އުޅަނދުފަހަރަށް ދަތުރުކުރުމުގެ ޙުއްދަ ދެވެން ނޯންނާނެ ކަމަށް، އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ކާޒިމް ޣަރީބްއާބާދީ ހާމަކުރައްވައިފި އެވެ.

ދައުލަތުގެ މީޑިއާއަށް އަންގާރަ ދުވަހުގެ ރޭ ދެއްވި ބަޔާނެއްގައި ޣަރީބްއާބާދީ ވިދާޅުވީ، ޕަރޝިއަން ގަލްފަށް ވަންނަ ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރަންޖެހޭނީ އީރާނުގެ ސަރަޙައްދީ ކަނޑުގެ ތެރެއިން ކަމަށާއި، ބޭރަށް ނުކުންނަ ދަތުރުތައް ވެސް ކަނޑައެޅިފައިވަނީ އީރާނާއި އޮމާންގެ ސަރަޙައްދީ ކަނޑުތަކުގެ ތެރެއިން ކަމަށެވެ.

ހަމައެއާ އެކު، ހުރްމުޒް ކަނޑުއޮޅިން ވިޔަފާރި ދަތުރުތައް ބެލެހެއްޓުމާ ގުޅޭ ގޮތުން ދެ ޤައުމުގެ ޚާރިޖީ ބޭފުޅުން ފުޅާ ދާއިރާއެއްގައި ވަނީ ފަންނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.

ޣަރީބްއާބާދީ ވިދާޅުވީ، މިހާރު ކަނޑައަޅާފައިވާ ދަތުރުފަތުރުގެ މަގުތަކަކީ، ވަގުތީ އިންތިޒާމެއްގެ ދަށުން ތަންފީޒުކުރަމުންދާ މަގުތައް ކަމަށާއި، ކުރިއަށް އޮތް 30 އާއި 60 ދުވަހުގެ ތެރޭގައި ދެ ޤައުމު ގުޅިގެން ކަނޑުގެ ދަތުރުފަތުރަށް ދާއިމީ ނިޒާމެއް ކަނޑައެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މި ތަފްޞީލުތައް ހާމަވިއިރު، ޤަޠަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީ ވަނީ މިދިޔަ ބުރާސްފަތި ދުވަހު އީރާނަށް ވަޑައިގެން، ސިޔާސީ ޙައްލަކަށް ފުރުޞަތުދިނުމާއި މަސްރަޙް ފިނިކުރުމުގެ ބޭނުމުގައި، އީރާނުގެ ވެރިންނާ ބައްދަލު ކުރައްވާފަ އެވެ.

ޤަތަރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމާއި، ހަނގުރާމައިގެ ކުރިން ދެ ޤައުމު ދެމެދު އޮތް ގާތް ގުޅުމަށް ރުޖޫޢަވުމުގެ ބޭނުންތެރިކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެކެވިފައިވާ ކަމަށެވެ.

ޤަޠަރުގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ވިދާޅުވީ، ހަނގުރާމައިގެ ޙާލަތު ދެމިއޮތް ނަމަވެސް، ސިޔާސީ ޙައްލެއް ހޯދުމަށް ދެ ފަރާތް ވެސް ތިބީ ތައްޔާރަށް ކަމަށެވެ.

ސުލްޙަވެރި ޙަލެއް ހޯދުމުގެ މަޝްވަރާތަކުގެ ތެރެއިންވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފައެވެ. ޓްރަމްޕް ވިދާޅުވީ، ހަ މަހަށް ވުރެ ދިގުލައިގެން ގޮސްފައިވާ ހަނގުރާމައިގެ ތެރެއިން ވެސް އެމެރިކާ ދަނީ "ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް" ހޯދަމުން ކަމަށެވެ.

ހަމައެއާ އެކު، ޓްރަމްޕް ވަނީ އޮމާނަށް ވެސް ހަމަލާ ދިނުމުގެ ފުރުޞަތު ދޫކޮށްނުލައްވާ ކަމަށް ވިދާޅުވެ، ހަރުކަށި އިންޒާރެއް ދެއްވާފަ އެވެ.