ޚަބަރު

ޒުވާން ޚަތީބުންނަށް ލިބުނު ސަނަދަކީ ބޮޑު ބިންގަލެއް: ވަޒީރު ޑރ. ޝަހީމު


  • މި ބުރުގައި 91 ޒުވާން ޚަތީބުން ތަމްރީންވި

  • ވަޒީރު ވިދާޅުވީ 700 އަށްވުރެ ގިނަ ޒުވާން ޚަތީބުން އުފައްދާފައިވާކަމަށް

ޒުވާން ޚަތީބުންނަށް ލިބުނު ސަނަދަކީ ބޮޑު ބިންގަލެއްކަމަށާއި އިތުރު ޢިލްމާއި ތަމްރީނު ހޯދަންޖެހޭނެކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ޒުވާން ޚަތީބުން ތަމްރީންކުރުމުގެ 5 ވަނަ ބުރުގެ ބައިވެރިންނަށް ސަނަދު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ކޮންމެ ދާއިރާއަކުން ކިޔެވިނަމަވެސް ޚަތީބުކަމަކީ އެމީހެއްގެ ހަޔާތުގައި ފަހު ދުވަހާ ޖެހެންދެންވެސް އެމީހާއާއެކުގައި ދަތުރުކުރާނެ މަސްޢޫލިއްޔަތެއްކަމަށެވެ. އަދި ޚުތުބާކިޔުމުގެ ހުނަރު ކުއްޖަކު ކިބައިގައި ހުރުމަކީ އެ ކުއްޖެއްގެ ޝަޚުސިއްޔަތަށް އިތުރުވެގެންދާން ލިބުނު ވަރަށް ރަނގަޅު ސިފައެއްކަމަށެވެ.

"ޚުތުބާ ކިޔާ މީހަކީ ލީޑަރެއް. އިސްލާމީ ޝިއާރު ފާޅުކުރާ އިސްސަފުގައި ފެންނަން ހުރި ހަނދެއްފަދަ ލީޑަރެއް. އޭނާ އަކީ އެހެން މީހުންނަށް ނަމޫނާއަކަށް ވާންވާނެ މީހެއް" އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދަސްވެނިވި ޚަޠީބުން މިސްކިތުން ހަމައެކަނި ފެންނަން ޖެހޭނީ ހުކުރު ދުވަހު ނޫންކަމަށާއި ޖަމާއަތުގައި ނަމާދުކުރުމާއި އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށް ޚަޠީބުން ވާންވާނެކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާންތަކެއް ވަންދެއް އިމާމުކަން ކުރަމުން ދިޔަ ޖީލެއް ނެތިވާން ކައިރިވެފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ބައެއް ރަށްރަށަށް އެހެން ރަށްރަށުން ޚުތުބާ ކިޔާ މީހުން ގެނެސް އެކަން ކުރަމުން ދިޔަކަމަށާއި ޒުވާން ޚަތީބުންގެ އައު ޖީލެއް ބިނާކުރުމުގެ މަސައްކަތަކީ މިކަންކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކުރިއަށްގެންދާ ކަމެއްކަމަށެވެ.

ވަޒީރު ވިދާޅުވީ އިމާމްކަމުގެ ސެޓްފިކެޓް ލެވެލް 1،2،3 ހެދުމަށްފަހު އެކަމަށް ނުކުންނަ މީހުންނާއި ނިޒާމީ ތަޢުލީމްގެ ތެރެއިން އިސްލާމްދީނާއި ކީރިތި ޤުރުއާން އުނގެނިގެން ނުކުންނަ ދަރިވަރުންގެ ކިބައިގައި އިމާމުކަން ކުރުމުގެ ފުރިހަމަ ޤާބިލުކަން ހުންނާނެކަމަށެވެ.

"ރާއްޖެގައި އިސްލާމީ މުޤައްރަރަކީ ވަރަށް ފުޅާ މުޤައްރަރެއް. ޙަދީޘް ޢިލްމާއި ކީރިތި ޤުރުއާންގެ ޢިލްމާއި ތާރީޚާއި ޙަޟާރަތާއި އަޤީދާ މިހެން ގޮސް ވަރަށް ގިނަ މަޢުލޫތާއި ބާބުތަކުގެ މައްޗަށް މަންހަޖު އޮންނަނީ. އެހެންކަމުން މި މަންހަޖުގެ ތެރެއިން އިސްލާމާއި ކީރިތި ޤުރުއާން އުނގެނިގެން މަތީ ދަރަޖަ ހޯދަިއގެން ނުކުންނަ ދަރިވަރުންނަކީ އިމާމުކަން ކުރުމުގެ ފުރުހަމަ އަހުލިހަތު ހުންނާނެ ދަރިވަރުން." އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާތަނަށް 700 އަށްވުރެ ގިނަ ޒުވާން ޚަތީބުން އުފައްދާފައިވާކަމަށާއި މިއީ އަންނަން އޮތް ޖީލަށް އިސްލާމްވަންތަކަމުގެ ޝިއާރު ފޯރުކޮށްދޭނެ ޖީލެއް އުފެއްދުމުގެ މަސައްކަތްކަމަށެވެ. މިއަދު މިޖީލު ނުއުފައްދައިފިނަމަ ރާއްޖޭގެ މުސްތަޤުބަލަށް ގޮންޖެހުންތައް ކުރިމަތިވާނެކަމަށާއި މި ޒުވާން ޖީލަކީ ކުރިއަށް އޮތް 100 އަހަރަށް އިސްލާމީ ޝިއާރު ފާޅުކުރާނެ ޖީލެއްކަމަށެވެ.

ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ، ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި، ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ 5 ވަނަ ބުރުގައި 91 ޒުވާން ޚަތީބުން ތަމްރީންވެ ވަނީ ސަނަދު ހާސިލްކޮށްފައެވެ.

ޒުވާން ޚަތީބުންގެ ޕްރޮގްރާމް ކުރިއަށްގެންދަނީ ގްރޭޑް 10، 11، އަދި 12ގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް އަމާޒުކޮށްގެންނެވެ. މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ، އަދި ދީނީ ދަޢުވަތުގެ މަސައްކަތަށް އައު ދިރުމެއް ގެނުވި ޕްރޮގްރާމެއްކަން އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.