ފުރިހަމަ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުންނެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ގޮތް ނިންމުމުގެ ބާރު އެ ރައްޔިތުންނަށް ދިނުމެވެ. އެއީ ވޯޓު މެދުވެރިކޮށްގެންނެވެ. މިއަދު ރާއްޖޭގެ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރާއިރު މިއަހަރުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ވޯޓަކީ ޙައްގެއް އަދި ޒިންމާއެއް" މިއެވެ.
ރާއްޖެއަކީ މިއަދު ޑިމޮކްރަސީގައި އެތައް ގޮތަކުން ކުރި ހޯދާފައިވާ ޤައުމެކެވެ. ޤައުމުގެ އެންމެ އިސް ވެރިޔާއިން ފެށިގެން ޤާނޫނު ހެދުމުގެ ބާރާއި ރަށްރަށުގެ ހިންގުމުގެ ބާރުވެސް އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. އެއިން ކޮންމެ މަޤާމަކަށްވެސް ރައްޔިތުން ތަމްސީލުކުރައްވާ ބޭފުޅުން އައްޔަން ކުރެވެނީ ރައްޔިތުންގެ މިނިވަން ވޯޓަކުން ކަމަށްވާތީއެވެ.
ޤާނޫނުއަސާސީން 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް މި ޙައްގު ކަށަވަރުކޮށްދީފައިވާއިރު އެހެން ޤައުމުތަކާ އަޅާބަލާއިރު ދިވެހީންގެ ތެރެއިން މި ޙައްގު އަދާކުރާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރެވެ. މިއީ ކޮންމެ ރައްޔިތެއްގެވެސް ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމުގައި ދެކިގެން ޤައުމުގެ މުހިންމު ނިންމުންތަކުގައި އަމިއްލަ ޚިޔާލުފާޅުކުރުމަކީ ދިވެހީންގެ ފަރާތުން ފެނިގެންދާ ފުރިހަމަ ނަމޫނާއެކެވެ.
މިއަދު ކޮންމެ ދިވެހި ރައްޔިތަކަށް ވޯޓުލުމުގެ ޙައްގު ކަށަވަރުވެފައި އޮތް ނަމަވެސް ރާއްޖޭގައި އަބަދު ކަން ހިނގަމުން އައީ މިގޮތަކަށް ނޫނެވެ. ރާއްޖޭގެ ތާރީޚުގައި ރައްޔިތުންގެ ވޯޓެއް ނަގައި، ފުރަތަމަ ފަހަރަށް މުހިންމު ނިންމުމެއް ނިންމާފައިވަނީ 1952ވަނަ އަހަރުއެވެ. އެއީ އޭރު ރާއްޖޭގައި އޮތް ރަސްކަމުގެ ނިޒާމު ވެރިކަމުގެ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓަކުންނެވެ.
އޭރު ނެގުނު ވޯޓުގައި ހުރިހާ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ނުލިބެއެވެ. ނަމަވެސް ވޯޓުުލި މީހުންގެ އަޢުލަބިއްޔަތުން ރާއްޖޭގެ ހިންގުމުގެ ނިޒާމު ބަދަލުވެ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ގޮތުގައި ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އިންތިޚާބުކުރެވުނެވެ.
އާންމުންގެ ސީދާ ވޯޓެއް ނެގުނު މިއީ ފުރަތަމަ ފަހަރު ކަމުގައި ބެލެވުނު ނަމަވެސް ތާރީޚު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރައްވާ ގޮތުގައި ރަށު ފެންވަރުގައި ގިނަ ކަންކަން އަބަދުވެސް ރާއްޖޭގައި ނިންމަމުން އައީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ ތެރެއިންނެވެ. ސީދާ ވޯޓެއް ނުނެގި ނަމަވެސް އޭރު ރަސްކަލުން ރަށްރަށުގެ ކަތީބުން އައްޔަން ކުރައްވަނީ އެ ރަށްރަށުގެ ރައްޔިތުންގެ ލަފަޔާއެކުގައި ކަމަށްވެއެވެ.
1952 ވަނަ އަހަރަށްފަހު އެކި ގޮތްގޮތަށް ރާއްޖޭގައި ވޯޓުލުމުގެ ކަންކަން ބަދަލުވަމުން އައެވެ. މަޖިލިހަށް މެންބަރުން އިންތިޚާބު ކުރުމާއި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރުމުގައިވެސް ރައްޔިތުންގެ ޚިޔާލު ހޯދައެވެ. ނަމަވެސް ރާއްޖޭގެ ތާރީޚުގައި ވޯޓުލުމުގެ ޙައްގު ކޮންމެ ރައްޔިތަކަށް ކަށަވަރުވެގެން އައީ މިހާރު އަމަލުކުރަމުން އަންނަ ޤާނޫނުއަސާސީއާއެކުގައެވެ.
އެ ޤާނޫނުއަސާސީއާއެކު ރައްޔިތުންގެ ފުރަތަމަ އާންމު ވޯޓެއް ނެގީ 2007ވަނަ އަހަރުއެވެ. އެއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ފެންނަ ނުފެންނަ ވޯޓެވެ. އެއަށްފަހު އައު ޤާނޫނުއަސާސީގެ ތެރެއިން 2008ވަނަ އަހަރު ރިޔާސީ އިންތިޚާބު ބާއްވައި ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެ ރައްޔިތެއްގެ ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންދިޔައެވެ.
ރާއްޖޭގެ ތާރީޚުގައި އަތޮޅުތަކާއި ރަށްރަށުގެ ކަންކަން ނިންމައި ހިންގުމަށް ޤާނޫނެއް އެކުލަވާލައި، އެ ރަށަކަށް ރަށްޔިތުންގެ ވޯޓުން ވެރިން އިންތިޚާބުކުރަން ފެށީ މިހާރު ޢަމަލުކުރަމުންދާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއެކު 2011ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން ކޮންމެ ފަސް އަހަރަކުން ރާއްޖޭގައި ބޮޑު 3 އިންތިޚާބު ދަނީ ބާއްވަމުންނެވެ. އެއީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބެވެ.
އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ވޯޓުލާ މީހުންގެ ނިސްބަތް އިތުރުވިނަމަވެސް އަދިވެސް ވޯޓުލުމުގެ ޙައްގު ލިބޭ ރައްޔިތުންގެ ތެރެއިން މަދު ބަޔަކުނަމަވެސް އެ ޙައްގު އަދާކުރުމަށް ދެކޮޅު ހަދައެވެ. މީގެ އެކި ސަބަބުތައް އެބަހުއްޓެވެ. މިކަމުގައި ސީދާ ދިރާސާއެއް ކުރެވިފައި ނެތް ނަމަވެސް ރައްޔިތުން އިންތިޚާބު ކުރާ މަޤާމުތަކަށް އޮންނަ އިތުބާރު ކުޑަވުމަކީ ބައެއް ފަރާތްތަކުން ވޯޓުނުލާނެ ކަމަށް ބުނާ ސަބަބެކެވެ.
ނަމަވެސް މިއީ ހައްލެއް ނޫނެވެ. ވޯޓުލުމުގެ ޙައްގު ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވަނީ އެކަމެއްގައި ކޮންމެ ރައްޔިތަކުވެސް އެ ރައްޔިތެއްގެ ޚިޔާލު ފާޅުކުރުމަށެވެ. "އެންމެ ވޯޓަކުންވެސް ނަތީޖާ ބަދަލުވެދާނެ" ކަމަށް ބުނަނީ ސަމާސާއަކަށްނޫނެވެ. މިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް މި ޙަގީގަތް ވަނީ ފެނިފައެވެ. އެކި ރަށްރަށުގެ ކައުންސިލަރުން އެންމެ ވޯޓެއްގެ ތަފާތުން ވަނީ އިންތިޚާބުވެފައެވެ.
ވޯޓަކީ ރައްޔިތުންނަށް އެ ރައްޔިތުން ނިންމާފައިވާ ނިންމުން ކޮންމެ ފަސް އަހަރަކުން ބަދަލުކުރަންވެސް ލިބޭ ފުރުސަތެއްވެސްމެއެވެ. ކޮންމެ ފަސް އަހަރަކުން އިންތިޚާބުތައް ބާއްވާއިރު ކުރިއަށް އޮތް 5 އަހަރު ޤައުމުގެ ކަންކަން ބިނާވެގެންދަނީ ރައްޔިތުންގެ ވޯޓަށެވެ. ރައްޔިތުން އިންތިޚާބު ކުރާ ވެރިންނަށެވެ.
ވޯޓުލުމުގެ ޙައްގަކީ އެންމެ މީހަކާ ގުޅިފައިވާ ކަމެއް ނޫނެވެ. އެއީ މުޅި ޤައުމާއި ޤައުމުގެ ރައްޔިތުންގެ ޙައްގުގައި ކޮންމެ ރައްޔިތަކުވެސް އަދާކުރަންޖެހޭ ޒިންމާއެކެވެ. ޤައުމުގެ ކަންކަން ނިންމުމުގައި ޤާބިލު ވެރިން އިންތިޚާބު ކުރުމަކީ ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް މުހިންމު ކަމެކެވެ. ވޯޓުލުމުގެ ޙައްގު އަދާނުކޮށް، ރައްޔިތުންނަށް ބާރު ހިންގާ ބައެއްގެ ގޮތުގައި ނާގާބިލު މީހުން އިންތިޚާބުވެފައިވާ ޤައުމުތަކުގެ ހާލަތު މިއަދު އަޅުގަނޑުމެންނަށް ދަނީ ވަރަށް ރަނގަޅަށް ފެންނަމުންނެވެ. އެހެންވެ، ދިވެހިރާއްޖެއަށް އެ ހާލަތު މެދުވެރިވިޔަ ނުދިނުމަށް ކޮންމެ ރައްޔިތަކުވެސް އެ ރައްޔިތެއްގެ ވޯޓުލުމުގެ ޙައްގަކީ ފަރުދީ ޒިންމާއެއް ކަމަށްދެކިގެން އެ ޙައްޤު އަދާކުރުމަކީ މުހިންމު ކަމެކެވެ.