ޚަބަރު

ރުކުމަޑިއާއި ހުދު ކޫޑި ކޮންޓްރޯލުކުރާ ޕެސްޓިސައިޑް މިހާތަނަށް 38 ރަށަކަށް


  • މިހާތަނަށް 62 ރަށަކުން ވަނީ ޕެސްޓިސައިޑް ހޯދަން އެދިފައި

ރުކުމަޑިއާއި ހުދު ކޫޑި ކޮންޓްރޯލުކުރާ ޕެސްޓިސައިޑް މިހާތަނަށް 38 ރަށަކަށް ފޯރުކޮށްދީފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ކޮކޮނަޓް ހިސްޕިޑް ބީޓްލް ނުވަތަ ކުދި ރުކުމަޑި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ، 1999ވަނަ އަހަރުގެ ޑިސެންބަރު މަހު އަރިއަތޮޅުގެ ރިސޯޓެއްކަމަށްވާ ސަން އައިލެންޑް ރިސޯޓުންނެވެ. މަޑީގެ މި ބާވަތަކީ، ރުއްތަކުގެ ފަންވަތްތައް ހަލާކުކޮށް ރުއްތަކުގެ ހެދިބޮޑުވުމަށް ހުރަސް އަޅާ މަޑީގެ ބާވަތެކެވެ.

މިކަމަށް ހައްލެއް ހޯދުމަށް ޗައިނާ ސަރުކާރުގެ އެހީގައި ދިރާސާކޮށް ރުކުމަޑި ނައްތާލާ ސޫތްޕެއް ވަނީ ހޯދާފައެވެ. މި ސޫފި އާލާކުރުމަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރެއް ޤާއިމްކޮށް މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ރުކުމަޑި އަދި ހުދު ކޫޑީގެ މައްސަލަ އުޅޭ ރަށްރަށަށް ޕެސްޓިސައިޑް ބޭނުންވާނަމަ އެކަން އެ ވުޒާރާއަށް އެންގުމަށް އެދި ކައުންސިލްތަކަށް ސިޓީ ފޮނުއްވާފައެވެ. އެވުޒާރާއިން ވިދާޅުވީ މިހާތަނަށް 62 ރަށަކުން ޕެސްޓިސައިޑް ހޯދުމަށް އެދި ހުށަހަޅާފައިވާކަމަށާއި، 38 ރަށަކުން މިތަކެތި ގެންގޮސްފައިވާކަމަށެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ހއ، ހދ، އަދި ށ، އަތޮޅުގެ ރަށްރަށުން ޕެސްޓިސައިޑް ބޭނުންވާނަމަ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ދިއުމުން ލިބޭނެކަމަށެވެ. އަދި ބާކީ ހުރި އަތޮޅުތަކުން ޕެސްޓިސައިޑް ބޭނުންވާނަމަ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ދޫކުރާނެކަމަށެވެ.

ރާއްޖޭގެ އެކި ސަރަޙައްދުގައި ރުކުމަޑި ހުދު ކޫޑީގެ މައްސަލަ އިތުރުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިމަސައްކަތް އަވަސް ކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ކުދި ރުކުމަޑި ކޮންޓްރޯލް ކުރުމަށްޓަކައި ޤުދުރަތީ ގޮތުން އެފަދަ ސޫފިތަކަށް ހަމަލާދޭ ފަނިފަކުސަ އާލާކުރާ ޕާމް ޕެސްޓް ބައޮޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރެއް ދާދިފަހުން ވަނީ ހުޅުވާފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓްތައް ދެނެގަނެ، އެފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ.

މިގޮތުން، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި، ޕެސްޓަށް ޙަމަލާދޭ ސޫފާސޫފި (ބަޔޮލޮޖިކަލް ކޮންޓްރޯލް އެޖެންޓްސް) އާލާކޮށް، ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރުން ހިމެނެއެވެ. މި މަސައްކަތަށް ޚާއްޞަކޮށްގެން ޤާއިމުކުރެވޭ ސެންޓަރުގައި، ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރެސިޓޮއިޑް އާލާކުރުމުގެ ޤާބިލުކަން ހުންނާނެއެވެ.