މީދޫ އެކުވެރި ކްލަބުން އެރަށުގައި ކުރިއަށްގެންދާ އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ލީގު ބުރުގައި ބަނޑޮސް މޯލްޑިވްސް ކުޅުނު ދެވަނަ މެޗުންވެސް ބަލިވެ, ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ.
މާލެ އަތޮޅުން މުބާރާތަށް ދިޔަ ވޮލީގެ ގަދަ ބާރު ބަނޑޮސް ލީގު ބުރުގެ ދެވަނަ މެޗުގައި ބަލިވޯ ކޯރާ ކޯރާ މޯލްޑިވްސްއާ ވާދަކޮށް 3-2 ސެޓުންނެވެ. ފުރަތަމަ ސެޓް 25-17 ން ކޯރާ ކޯރާ ގެންގޮސްފައި ވަނިކޮށް, ހަމަ އެނަތީޖާއިން ދެވަނަ ސެޓް ބަނޑޮސް މޯލްޑިވްސް ގެންދިޔައެވެ. އަދި ވާދަވެރި ތިންވަނަ ސެޓް 26-24 ން ބަނޑޮސް ގެންގޮސް މެޗު ވާންކޮށްލިއެވެ. އެކަމަކު ކޯރާ ކޯރާ އިން ވަނީ ތަފާތު ހިތްވަރެއް ނެރެ 25-17 ން ހަތަރު ވަނަ ސެޓް ހޯދާ, ފަސްވަނަ ސެޓް ފަސޭހައިން ގެންގޮސްފައެވެ. އެއީ 15-7 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކޯރާ ކޯރާ މޯލްޑިވްސްގެ ސަންކަ ދިލްހާން އެވެ.
މިނަތީޖާގެ ސަބަބުން ބަނޑޮހަށް އަމިއްލަ ބާރު ގެއްލުމުގެ އިތުރުން ކޯރާ ކޯރާ ވަނީ ފައިނަލަށް ފިޔަވަޅަކަށް ގާތަށް ޖެހިލާފައެވެ. ލީގު ބުރުގައި މިރޭ ކުޑަފުށިން ދަ ސްޓެންޑާޑް ބަލިކޮށްފިނަމަ, ކުދަފުށްޓާއެކު ކޯރާ ކޯރާ އަށް ފައިނަލް ޔަގީންވާނެއެވެ.