ޚަބަރު

"މާލީ އެހީ ދިނުމުގައި ޖަޒީރާ ޤައުމުތަކަށް ޚާއްސަ އުސޫލެއް ބޭނުންވޭ"


  • ވަޒީރު މިހެން ވިދާޅުވީ ޔޫއެންސީސީޑީ ސީއޯޕީ17 ގެ ހައި ލެވެލް ސެގްމަންޓްގައި

  • ކުދި ޖަޒީރާ ޤައުމުތަކުގެ ބިމުގެ މައްސަލަތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވިދާޅުވި

ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ތިމާވެށީގެ މައްސަލަތައް ބިން ބޮޑު އެހެން ޤައުމުތަކާއި ތަފާތުކަމަށާއި، މާލީ އެހީ ފޯރުކޮށްދިނުމުގައި މިފަދަ ކަންކަން ހިމެނޭނެ ގޮތަށް ސިޔާސަތުތައް އެކުލަވާލަން ޖެހޭ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތާއާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަންގޯލިއާގެ އުލާންބާތަރުގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން، ޔޫއެންސީސީޑީގެ 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް-17) ގެ ހައިލެވެލް ސެގްމެންޓުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތާއާ ބެހޭ ވަޒީރު ޢަލީ ޝަރީފެވެ. ވަޒީރުގެ އަރިހުގައި ޑިރެކްޓަރ އޮފް އެންވަޔަރަންމަންޓަލް ކޮންޒަވޭޝަން އަޙްމަދު ޝާން އަދި ސީނިއަރ ސަރވެޔަރ ޢާއިޝަތު އަލްހާން ޙަމީދު ބައިވެރިވެވަޑައިގަންނަވައެވެ.

ޔޫއެންސީސީޑީ ސީއޯޕީ17 ގެ ހައި ލެވެލް ސެގްމަންޓްގެ މާލިއްޔަތު ދުވަހު ދެއްކެވި ވާހަކަފުޅުގައި ވަޒީރު އަލީ ޝަރީފް ވަނީ ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ދިމާވާ ބިން ހަލާކުވުމުގެ މައްސަލަތައް ތަފާތު ކަމަށެވެ. އެގޮތުން ރަށް ގިރުމާއި، ފެނުގެ ފަށަލަ ލޮނުވުމާއި، ޖަޒީރާ ޤައުމުތަކުގެ ނާޒުކު މާހަލަކީ ބިން ހަމާލުވުމުގައި ހިމެނޭ ކަންތައްތައް ކަމަށާއި، އެހެން ނަމަވެސް މިހާރު މާލީ އެހީ ދިނުމުގައި އެކަށައަޅާފައިވާ ސިޔާސަތުތަކުގައި މިކަންކަމަށް ދީފައިވާ ސަމާލުކަން ކުޑަކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އަލީ ޝަރީފު ވަނީ މާލީ އެހީ ދިނުމުގެ ސިޔާސަތުތައް އެކުލަވާލުމުގައި ޖަޒީރާތަކަށް ޚާއްޞަ އުސޫލުތަކެއް ކަނޑައަޅުމަށް ގޮވާލާފައެވެ.

ކޮޕް-17 ގެ ދެވަނަ ހަފުތާގައި ކުރިއަށްދާ ހައިލެވެލް ސެގްމެންޓަކީ ޔޫއެންސީސީޑީގެ މެންބަރު 197 ޤައުމުގެ ވަޒީރުންނާއި ވަފުދުތަކުގެ ވެރިން އެއްތަނަކުން ބައްދަލުވާ މުހިންމު ޕްލެޓްފޯމެކެވެ. މި ސެގްމެންޓް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ވަޒީރުންގެ މެދުގައި ބޭއްވޭ ތިން މައިގަނޑު މަޝްވަރާ ބައްދަލުވުމަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދުޅަހެޔޮ ބިމާއި ވިލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މާލީ އީޖާދީ ވަސީލަތްތަކާ ގުޅޭގޮތުންނާއި، ހުސްބިންތަކާއި ދަނޑުވެރިކަމާ ގުޅޭގޮތުންނާއި، އަދި ރައްކާތެރިކަމާއި ހިޖުރަކުރުމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކެވެ. މީގެއިތުރުން މި ކޮންފަރެންސްގައި ކަނޑައެޅިފައިވާ މައިގަނޑު ހަތަރު ދާއިރާ ކަމަށްވާ؛ ފައިނޭންސް، ފެން، ބިމާއި އިންސާނުން، އަދި ކާބޯތަކެތީގެ ނިޒާމުތަކާ ގުޅޭގޮތުން މަތީ ފަންތީގެ އިވެންޓުތައް ކުރިއަށްދާނެއެވެ.