އިޓާލިއަން ސެރީއާގައި ޔުވެންޓަސް އާއި އޭސީ މިލާން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށް ފެށުން ރަނގަޅު ކޮށްފިއެވެ.
އިޓާލިއަން ސެރީއާގައި ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފައިވަނީ ފުރޮސިނޯނޭ އާއި ބައްދަލުކޮށް އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔޫވޭއިންނެވެ. މިމެޗުގައި ޔޫވޭއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ބްރެޒިލްގެ ބްރެމަރއެވެ. މިލަނޑު ޖެހުމުގެ ކުޑައިރު ކޮޅެއް ކުރިން އެޓީމާއި މިސީޒަންގައި ގުޅުނު ރަންޑަލް ކޯލޯ މުއާނީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެގެންދިޔައެވެ. އަދި މެޗުގެ 44 ވަނަ މިނެޓުގައި ޕިއޭ ކަލޫލޫއަށްވެސް އެޓީމުގެ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެގެންދިޔަ ތަން ފެނިގެންދިޔައެވެ.
ޔޫވޭގެ އިތުރުން މިލާން އާއި ޓޮރީނޯ ބައްދަލުކުރި މެޗު 2 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ މިލާންއެވެ. ޓޮރީނޯގެ ސްޓާޑިއޯ އޮލިމްޕިކޯ ގުރާންޑޭ ޓޮރީނޯގައި ކުޅުނު މިމެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީ މިލާނުންނެވެ. ނަމަވެސް މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި، ލީޑު ނެގީ މިލާނުންނެވެ. މެޗުގެ 64 ވަނަ މިނެޓުގައި އެޓީމަށް މިލަނޑު ކާބިޔާބުކޮށްދިނީ އަލްފާޑޯ ސީސޭއެވެ. އަދި މިލަނޑު ޖެހިތާ 2 މިނެޓް ފަހުން މިލާންގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޑްރިއަން ރެބިއޯއެވެ. މިމެޗުގައި ޓޮރީނޯއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޗޭ އެޑަމްސްއެވެ. މިމެޗުގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ލިބި ބޭކާރުވި ތަން ފެނުނެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗު ތަކަށް ބަލާލާއިރު ލެއްޗެ އާއި ވެނޭޒިއާ ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން ލެއްޗެ ކާމިޔާބު ކޮށްފައިވާއިރު އެޓަލާންޓާ އާއި ސަސޮއުލޫ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބު ކޮށްފައިވަނީ އެޓަލާންޓާއެވެ.