ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގައި ހިމެނޭ މަޢުލޫމާތު ޞައްޙަ ނޫންކަމަށް ފާހަގަވާ ފަރާތްތަތަކަށް އެކަން އެންގުމަށްފަހު، ފޯމު އަލުން ހުށަހެޅުމަށް 7 ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅި ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް އެވުޒާރާއިން އަންނަނީ ކުރަމުންނެވެ.
ބޯހިޔާވަހިކަން އެންމެނަށް ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ވަޢުދުފުޅެކެވެ. މިކަން ކަށަވަރުކުރުމަށް ޢިމާރާތްތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ މާކުރިން ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިންވަނީ އިދާރީ މަސައްކަތްތައްވެސް ފައްޓާވާފައެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށް ގެންދާއިރު، ހުށަހަޅާފައިވާ މަޢުލޫމާތުތަކާއި، އެ ވުޒާރާއަށް ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން ފޮނުވާފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް، އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުގައި ފުށުއެރުމެއްވާނަމަ އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އެންގޭނެކަމަށެވެ.
ޕޯޓަލް މެދުވެރިކޮށް އެ ވުޒާރާއަށް ދީފައިވާ ނޯޓިސްގައިވާ މަޢުލޫމާތު ޞައްޙަ ނޫންކަމުގައިވާނަމަ އެކަމުގެ ތަފްޞީލާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް 7 ދުވަހުގެ މުއްދަތެއް އެޕްލިކަންޓަށް ދެވޭނެކަމަށެވެ. އަދި، ޕޯޓަލްގައި އެޕްލިކޭޝަންއާ ގުޅިގެން އަންނަ ބަދަލުތަކާ ބެހޭ މަޢުލޫމާތު، އެޕްލިކަންޓު ފޯމު ފުރިހަމަކުރެއްވިއިރު ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް އެންގޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ އެ ވުޒާރާއަށް ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅާނަމަ، އެ އެޕްލިކޭޝަން ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލޭނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެޕްލިކޭޝަނާ ގުޅިގެން އެ ވުޒާރާއިން ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބު ހުށަހެޅުމަށް ބޭނުންކުރަންވާނީ ބޯހިޔާވަހިކަން ޕޯޓަލް އެކަނިކަމަށާއި އެ ވުޒާރާއަށް އީމެއިލް، ސިޓީ ނުވަތަ އެހެން ވަސީލަތެއްގެ ޒަރީޢާއިން ހުށަހަޅާ ޖަވާބުތައް މި މަރުހަލާގައި ބަލައިނުގަންނާނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ކުރިން ޤާއިމުކޮށްފައިވާ ޕޯޓަލް އިތުރަށް ހަރުދަނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ އަޑުއަހައިގެން ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެންމެ ފަސޭހައިން ފުރުޞަތުތައް ފަހިވާނެހެން އުސޫލަށް ބަދަލުތަކެއް ގެންނަވާ ބޯހިޔާވަހިކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީ މިއަހަރުގެ ޖެނުވަރީ މަހުގެ 18 ވަނަ ދުވަހުގައެވެ. މުއްދަތު ހަމަވީއިރު ފްލެޓަށް އެދި 35900 އަށްވުރެ ގިނަ އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 22000 އަށްވުރެ ގިނަ އެޕްލިކޭޝަންވަނީ ހުށައަޅާފައެވެ.