ޚަބަރު

ތާރީޚީ ދުވަހެއް: މާލެ-ވިލިމާލެ އެއްގަމު މަގުން ގުޅާލައިފި


  • ބުރިޖުގެ މައި އޮނިގަނޑު ވަނީ ފުރިހަމަވެފައި

  • ދެން ފަށާނީ ފިނިޝިން މަސައްކަތްތައް

ތިލަމާލެ ބުރިޖުގެ މަޝްރޫޢުގެ ދަށުން މާލެ-ވިލިމާލެ އެއްޤަމު މަގުން ގުޅާލައިފިއެވެ. ތިލަމާލޭ ބުރިޖަކީ މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫޢު ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ވިލިމާލެއާއި މާލެ ގުޅުވައުދޭ ފަހު ސެގްމަންޓު މިހާރު ގުޅާލާފައިވާއިރު ބްރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް މުޅިން ވަނީ ފުރިހަމަވެފައެވެ.

ދެން ކުރިއަށްދާނީ ފިނިޝިންގގެ މަސައްކަތްތެކެވެ. މީގެ ތެރޭގައި ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި ލައިޓް ހަރުކުރުންފަދަ މަސައްކަތްތައް ހިމެނެއެވެ. ބުރިޖުގެ މައި އޮނިގަނޑު ގުޅާލެވުނު ނަމަވެސް، ބުރިޖު މަތިން އާންމުންނަށް ދަތުރުފަތުރު ކުރަން ފެށޭނީ ފިނިޝިން މަސައްކަތްތައް އެއްކޮށް ފުރިހަމަވުމުންކަމަށް އެފްކޮންސްއިން މައުލޫމާތުދެއެވެ.

ސަރުކާރުން ފާހަގަކުރައްވާ ގޮތުގައިވެސް މި ބުރިޖުގެ މަސައްކަތަކީ، ގްރޭޓަރ މާލެ ސަރަޙައްދާއި މުޅި ރާއްޖޭގެ އިޤްތިޞާދަށްވެސް ވަރަށް މުހިންމުކަން ބޮޑު މަޝްރޫޢުއެކެވެ. ސަރުކާރު ހަވާލުވެ އެންމެ ފުރަތަމަ ފެށި މަސައްކަތްތަކުގެ ތެރޭގައި ބުރިޖުގެ މަސައްކަތް އަވަސް ކުރުމަށް އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރުންނާއެކު މަސައްކަތްތައް ފެށިއެވެ.

މި މަޝްރޫޢުގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާނެއެވެ. މި ރަށްތައް ހުރަސްކުރާނީ ހައިވޭތަކަކުންނެވެ. މި ހައިވޭތައް ހެދުމުގެ މަސައްކަތްވެސް އެކުއެކީގައި ދަނީ ކުރިއަށް ގެންދަމުންނެވެ.

ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ. މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާނެއެވެ.

މުޅި މި މަޝްރޫޢަށް 500 މިލިޔަން ޑޮލަރު ހޭދަވާނެއެވެ. އެއީ، 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ، އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. އަދި މި މަޝްރޫޢަށް ދިވެހި ސަރުކާރުންވެސް ޚަރަދު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ، އަންނަ އަހަރުގެ ނިޔަލަށް ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ނިންމުމަށެވެ.