ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ކުޅޭ ޖަރުމަނުވިލާތުގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ޖަމާލް މުސިއާލާގެ ސިއްހަތާމެދު ކަންބޮޑުވާންޖެހޭ މާބޮޑު ކަމެއް ނެތް ކަމަށް އެޓީމުގެ ކޯޗު ވިންސެންޓް ކޮންޕެނީ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ އާ ސީޒަން ފެށުމުގެ ގޮތުން ބޮރޫޝިއާ ޑޯޓްމުންޑާއި ދެކޮޅަށް މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ޖަރމަން ސުޕަރ ކަޕް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ކޮންޕެނީ ބުނިގޮތުގައި ބަޔާން އެންމެ ފަހުން ކުޅުނު ދެމެޗުގައި މުސިއާލާ ދަނޑު މައްޗަށް ވެއްޓުމުގެ ހާދިސާ ހިނގާފައިވަނީ އޭނާ އަށް ދިމާވެފައިވާ ނާރުގެ މައްސަލަ އާއި ގުޅިގެން ހޯދަމުންދާ ފަރުވާއަށް ގެނައި ބަދަލަކާއި ގުޅިގެން ކަމަށެވެ.
ކޮމްޕެނީ ބުނީ އޭނާ ސުމިއާލާ އާއި މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވާ ކަމަށާއި އޭނާ ބުނީ މިކަމުގައި ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ވިސްނަންޖެހޭ އަދި ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ބުނުމަށްވެސް ސުމިއާލާ އޭނާ ގާތު ބުނެފައިވާކަމަށްވެސް ކޮމްޕެނީ ބުންޏެވެ. އަދި މިއީ އޭނާ ހޯދަމުންދާ ފަރުވާއަށް ގެނައި ބަދަލުގެ ސައިޑް އިފެންޓެއްކަމަށްވެސް ކޮމްޕެނީ ބުނެފައިވެއެވެ. އާންމުކޮށް ފަރުވާ ހޯދާއިރު މިކަހަލަ ކަންތައްތައް ވުން އެއީ ވެދާނެ ކަމެއް ކަމަށްވެސް ކޮމްޕެނީ ބުނެފައިވެއެވެ.
ބަޔާންގެ ސްޕޯޓިންގ ޑިރެކްޓަރ މެކް އެބާރލް ބުނީ ބަޔާން މިތިބީ މުސިއާލާ އެކުކަމަށާއި އޭނާ ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެކްލަބުން ފޯރުކޮށްދޭނެކަމަށެވެ. ޖަރމަން ސުޕަރ ކަޕްގައި މާދަމާ ޑޯޓްމުންޑާއި ދެކޮޅަށް ކުޅޭ މެޗުގައި މުސިއާލާ ނުކުޅޭނެއެވެ. ބަޔާންއިން ވަނީ މުސިއާލާއަށް ދިމާވެފައިވާ ނާރުގެ މައްސަލައަށް ހޯދަމުންދާ ފަރުވާ އާއި ގުޅިގެން އޭނާއަށް އިތުރު ވަގުތު ދިނުމަށް ނިންމާފައެވެ.
މިދިޔަ އަންގާރަ ދުވަހުގެ މެޗަށްފަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ޖެހި މެސެޖެއްގައި މުސިއާލާ ބުނީ އޭނާއަށް ނާރުގެ މައްސަލަ އަކާހެދި ވަގުތީ ނަމަވެސް ފަރުވާ ކުރެވޭ އެބްސެންސް ސީޜަރތަކެއް ތަހައްމަލް ކުރަންޖެހިފަައިވާކަމަށެވެ. އަދި އެކަމަށް ފަރުވާ ހޯދަމުންދާ ކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ.
މިދިޔަ އަހަރު މުސިއާލާއަށް ލިބުނު ބޮޑު އަނިޔާ އަކާއި ގުޅިގެން 6 މަހަށް ވުރެ ގިނަ ދުވަހު ކުޅުމާއި ދުރުގައި ހުއްނަން ޖެހުމުގެ ސަބަބުން އޭނާގެ މޮޅުކުޅުން ފަހަކަށް އައިސް ފެނިފައިނުވި ނަމަވެސް ކޮމްޕެނީ ބުނީ މިސީޒަންގައި މުސިއާލާގެ ފަރާތުން ކުރީގެ މޮޅު ކުޅުން ފެނިގެންދާނެކަމަށެވެ.
މީގެއިތުރުން މާދަމާ ޑޯޓްމުންޑާއި ދެކޮޅަށް ކުޅޭ ޖަރމަން ސުޕަރ ކަޕް މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ކޮމްޕެނީ ބުނީ މާދަމާގެ މެޗަކީ އެޓީމަށް ފައިނަލެއް ކަމަށާއި ބަޔާންއިން މުބާރާތް ތަކުގެ މެދުގައި ތަފާތު ނުކުރާ ކަމަށާއި ކޮންމެ މުބާރާތަކާއި ވެސް ކުރިމަތިލަނީ ކާމިޔާބީ ހޯދުމުގެ އަޒުމާއެކު ކަމަށެވެ. އަދި އެހެން ކަމުން މާދަމާގެ ފައިނަލަށްވެސް ބަޔާންއިން ވަރަށް ބޮޑު އިސްކަމެއް ދޭކަމުގައި ކޮމްޕެނީ ބުންޏެވެ.