އެލް ނީނޯގެ ސަބަބުން ކުރިމަތިވެދާނެ ތިމާވެށީގެ ކާރިސާތަކަށް ތައްޔާރުވުމުގެ ގޮތުން، ޕެނަމާ ކެނޭލް އިން ދުވާލެއްގެ މައްޗަށް ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ސެޕްޓެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން މަދުކުރަން ނިންމައިފިކަމަށް އެ ކެނޭލް ބަލަހައްޓާ އިދާރާއިން އިޢުލާނުކޮށްފިއެވެ.
އެލްނީނޯ އަކީ ކޮންމެ ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއްގައި، އިރުމަތީ ޕެސިފިކް ކަނޑުގެ ފިނިހޫނުމިން އާދަޔާ ހިލާފަށް މައްޗަށް ދިއުމުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ މޫސުމީ ބަދަލެކެވެ. މިކަމުގެ ސަބަބުން މުޅި ސަރަހައްދަށާއި ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މީގެ ސަބަބުން ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ހޫނުގަދަވެ، ހަނަފަސްކަން ކުރިމަތިވާއިރު، އަނެއްބައި ސަރަހައްދުތަކަށް ފެންބޮޑުވުމުގެ ނުރައްކާ ކުރިމަތިވެއެވެ.
އަލަށް އެކުލަވާލި ފިޔަވަޅުތަކުގެ ދަށުން، ސެޕްޓެމްބަރު 4 އިން ފެށިގެން ކެނޭލްއިން ދުވާލަކު ދަތުރުކުރެވޭނީ 34 އުޅަނދަށެވެ. އަދި ސެޕްޓެމްބަރު 15 އިން ފެށިގެން މި އަދަދު އިތުރަށް މަދުކޮށް، ދުވާލަކު ދަތުރުކުރެވޭ އުޅަނދުގެ އަދަދު 32 އަށް ތިރިކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މި އަހަރު ދަތުރުތައް މަދުކުރުމުގެ ރޭވުމެއް ނެތްކަމަށް މީގެ ކުރިން ރޮއިޓަރސް އަށް މަޢުލޫމާތު ދެމުން މަސްދަރަކުން ބުނެފައިވާ ބުނުމާ ޚިލާފު ނިންމުމެކެވެ.
ދުނިޔޭގެ ކަނޑުމަގުން ކުރެވޭ ވިޔަފާރީގެ 5 އިންސައްތަ ހިއްސާކުރާ ޕެނަމާ ކެނަލްއަކީ އާންމުގޮތެއްގައި ދުވާލަކު 40 އުޅަނދަށް ދަތުރުކުރެވޭވަރުގެ ޤާބިލުކަން ހުންނަ ކެނަލްއެކެވެ. ނަމަވެސް، މި އަހަރުގެ ޖޫން މަހުން ފެށިގެން އެ ކެނަލްއިން ދުވާލަކު ދަތުރުކުރަނީ ޖުމްލަކޮށް 35 އުޅަނދެވެ. އެ ކެނަލްގެ ދަތުރުތަކަށް އަންނަ ކޮންމެ ބޮޑު މަޑުޖެހުމަކީ ބައިނަލްއަޤްވާމީ މުދާ އުފުލުމުގެ ދުވެލި މަޑުވެ، ކާރުޚާނާތަކާއި ވިޔަފާރިތަކަށް ހިނގާ ޚަރަދު ބޮޑުވެގެންދާނެ ކަމެކެވެ.
2023 ވަނަ އަހަރު ކުރިމަތިވި މޫސުމީ ކާރިސާގެ ސަބަބުން ކެނަލްގެ ދަތުރުފަތުރު 36 އިންސައްތައަށް ދަށްވެ، މުޅި ދުނިޔޭގެ ސަޕްލައި ޗޭނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އެ އަހަރުވެސް ފެންހިނދެން މެދުވެރިވީ އެލް ނީނޯ އާއި އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދިމާވާ މޫސުމީ ބަދަލުތަކުގެ ސަބަބުންނެވެ.
ޕެނަމާ ކެނަލްގެ "ލޮކް ސިސްޓަމް" އަށް ބޭނުންވާ ސާފުފެނުގެ ބޮޑު ބައެއް ނަގަނީ ކައިރީގައިވާ ގާޓުން ލޭކް ފަދަ ފެންގަނޑުތަކުންނެވެ. ނަމަވެސް، ވެރިރަށް ޕެނަމާ ސިޓީ ހިމެނޭހެން ކައިރި ރަށްތަކަށް ބޯފެން ފޯރުކޮށްދިނުމަށްވެސް މި ފެންގަނޑު ބޭނުންކުރާތީ، ހޫނުގަދަވާ ދުވަސްވަރު ފެން ބޭނުންކުރުމުގައި ބޮޑެތި ތަދުމަޑުކަމާ ކުރިމަތިވެއެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް މަސްތަކުގައި ތާރީޚީ ގޮތުންވެސް އެންމެ ވަރުގަދަ އެއް އެލް ނީނޯ މޫސުމީ ބަދަލު އުފެދި، އާދަޔާޚިލާފު މޫސުމީ ނުރައްކާތައް އިތުރުވެގެންދާނެއެވެ.